ކުރީގެ މެމްބަރު ނާޒިމަށް އޭޑީކޭގައި ފަރުވާދީފި

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް މިއަދު މާލެ ގެނެސް އޭޑީކޭގައި ފަރުވާދީފި އެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ނާޒިމަށް އޭޑީކޭގައި ފަރުވާދިނީ ކޮން ކަމަކާ ގުޅިގެން ކަމެއް ކަރެކްޝަނަލް ސާވިސް އިން ސާފެއް ނުވި އެވެ. އެނގިފައިވާ ގޮތުގައި ފަރުވާ ދިނުމަށް ފަހު ނާޒިމް ވަނީ މެންދުރެއްހާއިރު އަނބުރާ މާފުއްޓަށް ގެންގޮސްފަ އެވެ. ނާޒިމްގެ މައްޗަށް ހުކުމް އައީ ކުރީގެ އެޓޮލްސް މިނިސްޓްރީން 15،000 ދިދަ ގަތުމަށް ޑިސެމްބަރު 31، 2003 ގައި ކުރި އިއުލާނަކާ ގުޅިގެން، ނާޒިމް މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ނަމީރާ އިންޖިނިއަރިންގެ މުވައްޒަފުންނާއި ތަކެތި ބޭނުންކޮށްގެން، އޮޅުވާލައިގެން އެ ބިޑް ކާމިޔާބު ކުރުމުންނެވެ. ދިދަ ގަތުމަށް ލިބުނު 1،425،000 ރުފިޔާއަކީ ކުންފުނި ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ނާޒިމް މަކަރާއި ހީލަތުން ހޯދާފައިވާ އެއްޗެއްކަން ހެކިންގެ ހެކިބަހުންނާއި ކިތާބީ ހެކިތަކުން ސާފުކޮށް ފެންނަން އޮތް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބެއްލެވި މައްސަލާގެ ހުކުމުގައި ބުނެފައިވެ އެވެ. ނާޒިމްގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި ބަންދުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް މިއަދު ވަނީ މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ