ގައުމުގެ މަސްލަހަތު ނަގާލަން މަސައްކަތެއް ނުކުރަން: ގާސިމް

ގައުމުގެ މަސްލަހަތު ނަގާލަން ޖުމްހޫރީ ގުޅުމުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ އެ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ގުޅުމުން އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހެޅި މައްސަލައެއްގައި ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު އެކޮމިޝަނުގެ މަސައްކަތްތަކާމެދު އާންމުންގެ ތެރޭގައި އިތުބާރު ގެއްލޭގޮތަށާއި ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް ޖުމްހޫރީ ގުޅުމުން މަސައްކަތް ކުރަމުންގެންދާ ކަމަށް ތުހުމަތުކޮށްފައިވާތީ އެކަމަށް ރައްދުދެއްވާ މިރޭގެ ޖަލްސާގައި ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ދުވަހަކުވެސް އެފަދަ ގޮތަކަށް އަމަލު ކޮށްފައި ނުވާނެ ކަމަށާއި، އަދި ނުވެސް ކުރާ ކަމަށެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުން ގައުމުގެ މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު ފެބްރުއަރީ އަށެއްގައި ވަކި ޕާޓީއަކުން ރާއްޖޭގައި ހުޅުޖަހައި ސިފައިންނާ ފުލުހުންގެ އަގު ވައްޓާލައި ރާޅުގަނޑު ސަރަހައްދަށް އެއްވެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ކުރިކަމާ އަދި ރާއްޖެ ޓީވީއިން އެމަންޒަރުތައް ދުރަށް ދެއްކި ކަން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމާމެދު ފިޔަވަޅު އެޅިފައި ނުވާ ކަމަށެވެ.
ޖުމްހޫރީ ގުޅުމުން ދައްކާ ވާހަކައަކީ މުއައްސަސާއެއް ކޮރަޕްޓްވެފައި އޮތް ވާހަކަ ކަމަށާއި، އެ މުއައްސަސާގެ މެންބަރުން ގާނޫނީ ޒިންމާ އަދާ ނުކުރައްވާ ތިއްބެވި ވާހަކަ ކަމަށެވެ. އަދި އެކަން ކުރަނީ ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ތެރެއިން ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ތަންތަނަށް މައްސަލަ ހުށަހަޅައިގެން ބިރު ދައްކާ ޖުމްހޫރީ ޕާޓީ އުވާލާނެ ކަމަށް ބުނި ނަމަވެސް ބިރު ނުގަންނާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ކޯފާ ވިޔަސް ގާނޫނާ ހިލާފަށް ކުރައްވާފައި ހުރި ކަންކަމުގެ ވާހަކަ ދައްކަވާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބު ވަނީ އޮޅުވާލާފައއި. އެކަމުގެ ސާބިތު ހެކި އެބަހުރި. އެކަންކަން އަޅުގަނޑުމެން ސާބިތު ކޮށްދޭނަން. ރައްޔިތުންގެ ހައްގުތައް މިވަނީ ފުނޑާލާފައި. ކޯފާވިޔަސް މިވާހަކަ ދައްކާނަން. ހައްގަށް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ