ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ގެއަކަށް ވަދެ ހާލުއަހުވާލު ބަލާނަން: ރައިސް ނަޝީދު

ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ހުރިހާ ގެއަކަށް ވަދެވަޑައިގެން ހުރިހާ ރައްޔިތުންނާ ބައްދަލުކުރާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާކަމަށާއި އެއިންތިހާބަށްޓަކައި ރާއްޖޭގެ ހުރިހާ ގެއަކަށް ވަންނާނެކަމަށާއި އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށެވެ. އެމްޑީޕީގެ ހިތްވަރެއް ބައްޔެއް ނުވާނޭ ކަމަށާއި، ވަރުބައްޔެއް ވެސް ނުވާނޭ ކަމަށް ރައިސް ވިދާޅުވިއެވެ.
"ރިޔާސީ އިންތިހާބުގެ ކުރިން ހުރިހާ ގެއަކަން ވަދެ ތިން ލައްކަ މީހުންނާ ބައްދަލުކުރާނަން. ވާހަކަތައް އަހާނަން. މަޝްވަރާކުރާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރ. އުނގޫފާރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައިސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އެމްޑީޕީން ކުރަމުންގެންދާކަމަށާއި އެކަމަށްޓަކައި ރަށްރަށަށް ގޮސް ރައްޔިތުންގެ ޝަކުވާތަކާއި ވާހަކަތައް އަޑު އަހާނީ ރައްޔިތުންގެ ވެރިކަމެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ރާއްޖޭގެ ކޮންމެ ގެއަކަށް ވަދެވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު އެމްޑީޕީން ވަނީ ވައުދުގެ ދަތުރުގެ ނަމުގައި މީހުން އުޅޭ ރަށްރަށަށް ހާއްސަ ދަތުރުތަކެއް ފަށާފައެވެ. އެ ދަތުރުތަކުގައި ރައިސް ނަޝީދު ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ