ހުމާމަށް ހުލާސާ ބަޔާން އިއްވަން ދެން އޮތީ ފަހު ފުރުސަތު: ގާޒީ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް ގެ ފަރާތުން ޝަރީއަތަށް ހުށައަޅާ ހުލާސާ ބަޔާން އިއްވުމަށް ކްރިމިނަލް ކޯޓުން ފަހު ފުރުސަތު ދީފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ތިންވަނަ އަޑުއެހުން ކެންސަލް ކުރައްވަމުން ކޯޓުގެ ގާޒީ ވިދާޅުވީ ދެންއޮންނަ އަޑުއެހުމެއްގައި ހުމާމުގެ ފަރާތުން ހުލާސާ ބަޔާން ހުށައަޅަން ޖެހޭނެ ކަމަށާއި، ކޯޓުން އިތުރު މުއްދަތެއް ނުދެއްވާނެ ކަމަށެވެ. ގާޒީ ވިދާޅުވީ ހުލާސާ ބަޔާން އިއްވުމަށް މީގެ ކުރިން ދެއަޑުއެހުމެއް ތާވަލްކުރި ކަމަށާއި، ނަމަވެސް އެދެއަޑުއެހުން ކެންސަލްކުރީ ހުމާމުގެ ފަރާތުގެ ވަކީލް އަބުދުﷲ ހަސީން ގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ވިދާޅުވީ މިމައްސަލަ ދިގުދެމިގެންދާ ކަމަށާއި، ކޯޓުން އިތުރު ފުރުސަތެއް ދެން ނުދެއްވާނެ ކަމަށެވެ.
"ދެން އޮންނަ އަޑުއެހުމެއްގައި ހުލާސާ ބަޔާން އިއްވަންޖެހޭނެ.ކޯޓުން ހުމާމުގެ ވަކީލަށް އެކަށީގެންވާ ފުރުސަތު ދީފިން. މިއަދުގެ އަޑުއެހުންވެސް ކެންސަލްކުރަނީ އިތުރު ފުރުސަތެއް ދިނުމަށް ވަކީލުގެ ހާޒިރުގައި ބަޔާން އިއްވުމަށް."
ޝަރީއަތުގެ މަޖުލީހުގައި ގާޒީ ވިދާޅުވީ މިއަދަށް ތާވަލްކުރި އަޑުއެހުމަށްވެސް ހުމާމުގެ ފަރާތުގެ ވަކީލަށް ބަލިހާލަތު ހުރިގޮތުން ނާދެވޭނެ ކަމަށް ވިދާޅުވެ ސިޓީ ފޮނުވާފައިވާ ކަމަށާއި، ސިޓީއާއެކު މެޑިކަލް ސެޓްފިކެޓްވެސް ހުށައަޅާފައިވާ ކަމަށެވެ. ނަމަވެސް ކޯޓަށް ހުށައަޅާފައިވާ މެޑިކަލް ސެޓްފިކެޓް އިއްޔެގެ ނިޔަލަށް ހަމަވެފައިވާ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.
"މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ހަސީން ވަނީ ކޯޓަށް މެޑިކަލް ސެޓްފިކެޓާއި، ސިޓީވެސް ފޮނުވާފައި. ނަމަވެސް މެޑިކަލް ސެޓުފިކެޓަކީ އިއްޔެގެ ނިޔަލަށް ހަމަވެފައިވާ އެއްޗެއް." ގާޒީ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖުލީހުގައި ހުމާމް ބުނީ ހުލާސާ ބަޔާން ހުށައެޅުއްވުމަށް އެއްވެސް އިންކާރެއް ނުކުރާ ކަމަށެވެ. އަދި ހުލާސާ ބަޔާން އިއްވިދާނެ ކަމަށެވެ. ނަމަވެސް މި މައްސަލައަކީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މައްސަލައެއްކަމުން ހުލާސާ ބަޔާން އިއްވުމުގައި ވަކީލާއެކު ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.
"އިއްޒަތްތެރި ގާޒީ އަޅުގަނޑަށްވެސް ހުލާސާ ބަޔާން އިއްވިދާނެ އެކަމަކު އެކަންކަމުގެ ފުރިހަމަ ސާފު މައުލޫމާތު އެގޭނީ ވަކީލަށް. އެހެންވީމަ ވަކީލުގެ ހާޒިރުގައި ހުލާސާ ބަޔާން އިއްވަން އެދެން އަޅުގަނޑު ގާޒީގެ އަރިހުން." ކޯޓުގައި ހުމާމް ބުންޏެވެ.
އެންމެފަހުން ބޭއްވި ޝަރީއަތުގެ މަޖުލީހަށްވެސް ހުމާމު ހާޒިރުކޮށްފައި ވެއެވެ. ނަމަވެސް އެއްވެސް ސުވާލެއްކޮށްފައެއް ނުވެ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް ކުރިން އިއުތިރާފުވުމަށް ފަހު، ފަހުން ހުމާމް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00އާ ދެމެދުގެ ވަގުތެއްގަ އެވެ. އަފްރާޝީމް އަލީއަށް ހަމަލާދިން މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. ހިކޯސްޓް އަލީ ޝާން އާ ހުމާމުވެސް މިމައްސަލައިގައި ބައިވެރިވެފައިވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. މިދެމީހުންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
މީގެ އިތުރުން އަފްރާޝީމަށް ދިން ހަމަލާ ރޭވުމުގެ އަޑީގައި ތިބިކަމަށް ބުނާ ހަތަރު މީހެއްގެ ތަހުގީގު ނިންމުމަށްފަހު އެމީހުންގެ މައްޗަށް ދައުވާކުރުމަށްވެސް މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެ ހަތަރު މީހުންނަކީ ހ. ހިލްޓަން، އަޒުލީފް ރައޫފް 28، އާއ، މ. ޖަރީމާގޭ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް،33، އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ