ރައީސް މައުމޫން ހުންނެވީ ޖީއެމްއާރުގެ ނުފޫޒުގެ ދަށުގައި ތާށިވެފައި: ގައުމީ ޕާޓީ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރަށް ކުއްޔަށް ދިން މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެއްޗެއް ވިދާޅުނުވަނީ އެ މަނިކުފާނު އެ ކުންފުނީގެ ނުފޫޒުގެ ދަށުގައި ތާށިވެފައިވާތީ ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ. އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނިގޮތުގައި ޖީއެމްއާރާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ރައީސް މައުމޫން އެކަމާ މެދު އެއްޗެކޭ ވިދާޅުނުވުމަކީ ޖީއެމްއާރާ އެ މަނިކުފާނާ ގުޅުން އޮންނަ ކަމުގެ ހެއްކެކެވެ. އަދި ދަރިކަލަކު ނުވަތަ ގާތް ރަހުމަތްތެރިއަކު ނުވަތަ އެހީތެރިއަކު އެކަމާ ދެކޮޅަށް އެއްޗެކޭ ވިދާޅުވުމަކީ މައުމޫން އެއްޗެކޭ ވިދާޅުވުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ. ގައުމީ ޕާޓީން ބުނިގޮތުގައި އިންޑިއާ ސަރުކާރުން ރައީސް މައުމޫނަށް އަރުވާ އިހުތިރާމާއި ވީއައިޕީ ހިދުމަތް ގުޅިފައިވަނީ ޖީއެމްއާރުގެ މަސްލަހަތާ ކަމަށް ވާހަކަދެކެވެން ފެށި ހިސާބުން މައުމޫންގެ ވާގިވެރިންގެ އަޑު އެ މައްސަލައިގައި ވަނީ މަޑުވެފަ އެވެ. އަދި އޮޑިދޯނިފަހަރުގައި ގޮސް އެއާޕޯޓުން ޖީއެމްއާރު ބޭލުމުގެ އަޑު ވެސް އެއާ ގުޅިގެން ފަނޑުވެފައިވާ ކަމަށް އެ ޕާޓީން ތުހުމަތުކުރެ އެވެ. "އެމަނިކުފާނު ޕީޕީއެމް އުފެއްދެވި އިރު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކީ އެ މަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ޗެއާމަނެއްގެ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރެއްވި އިރު ޖީއެމްއާރުގެ ހަރަކާތްތަކާ މެދު އަޑުއުފުއްލަވާފައެއް ނުވެ އެވެ." ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައި ވެ އެވެ. އެ ޕާޓީން ބުނިގޮތުގައި މިއަދު ވެސް މާލިއްޔަތު ކޮމެޓީގެ ޗެއާމަންއަކަށް ހުންނެވީ ޕީޕީއެމްގެ އިސްވެރިއެކެވެ. އަދި މަޖިލީހުގެ ތެރެއިން ޖީއެމްއާރުގެ އަޑު ނީވިގެން އުޅެނީ ވެސް މައުމޫނާއި އެމަނިކުފާނުގެ އާއިލީ މަސްލަހަތާ ގުޅިގެން ކަމަށް އެ ޕާޓީން ވަނީ ސުވާލު އުފައްދައިފަ އެވެ. ގައުމީ ޕާޓީގެ މި ނޫސްބަޔާން އާންމުކުރިއިރު ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވަނީ އާއިލާގެ ފަރާތުން ނޫސް ބަޔާނެއް ނެރުއްވައިފަ އެވެ. އޭގައި ބުނެފައިވާ ގޮތުން، ޖީއެމްއާރުގެ ފަރާތުން އެއްވެސް ނާޖާއިޒު ފައިދާއެއް އެ އާއިލާގެ އެއްވެސް ބޭފުޅަކަށް ލިބިވަޑައިގެންފައެއް ނުވާނެ އެވެ. ކުރީގެ ރައީސް މައުމޫން ހުންނެވީ ޖީއެމްއާރުގެ ނުފޫޒުގެ ދަށުގައި ކަމަށް ގައުމީ ޕާޓީން ތުހުމަތު ކުރާއިރު މިހާރުގެ ސަރުކާރު ޖީއެމްއާރަށް ދަރައި ވިކިފައިވާ ކަމަށް އިދިކޮޅު ޑީއާރުޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ