ވަރަށް ގިނަ ރަނގަޅު ކަންކަމުގެ ބިންގާ މައުމޫން އަޅުއްވައިދެއްވި: ނަޝީދު
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރު ރާއްޖެ އަށް ކޮށްދެއްވި ކަންކަން ގިނަ ކަމަށާއި ރިޔާސީ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބުކުރާއިރު ދެ ވަނަ ލިބޭނީ ޕީޕީއެމަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މިއަދު ވިދާޅުވެއްޖެ އެވެ. "ވަރަށް ގިނަ ކަންތައްތަކުގެ ރަނގަޅު ބިންގާ އަޅައިދެއްވީ ކުރީގެ ރައީސް މައުމޫން. އެމްޑީޕީން ކުރާ މަސައްކަތަކީ ހަގީގަތުގައި އެ ބިންގާތަކުގެ މައްޗަށް ބިނާކުރުން. އަޅުގަނޑުމެން ހޯދީ އެހެން މޮޑެލްއެއް އެހެން ގޮތެއް، ސްޕީޑް ބާރުކުރަން،" ކެމްޕޭނަށް މާލެ އަތޮޅު ގުޅިއަށް ވަޑައިގެން ތިން ވަނަ ފިކުރަކަށް ރާއްޖޭގައި ތާއީދުނެތް ކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ. ގުޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަތީ "މާބޮޑަށް ވިޔަފާރިވެރިންގެ އަތްދަށުގައި" ކަމަށެވެ. ކޮންމެ އަހަރަކު ވެސް ޓެކްސްގެ ބިލް މަޖިލީހަށް ފޮނުވަން މަސައްކަތް ކުރައްވާއިރަށް އެއީ ވަރަށް ބޮޑު ގޯސްކަމެއް ކަމަށް ބުނެ ވިޔަފާރިވެރިން ވަޒީރުންނަށް ފޯނުކޮށްގެން އެކަން ހުއްޓުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީން 2008 ގައި ވެރިކަމާ ހަވާލުވެ ރާއްޖޭގެ އާމްދަނީ އިތުރުކޮށް ތަރައްގީގެ މަސައްކަތްތަކުގެ ސްޕީޑް އަވަސްކުރި ނަމަވެސް "ބަޣާވާތަކުން" ވެރިކަން ބަދަލުކޮށް އެ ހުރިހާ ކަމެއް "ހުއްޓިފައިވާ" ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރު އުފެދިގެން އައީ ރައްޔިތުން ބޭނުންވާ ތަރައްގީ ފަހިކޮށްދޭން ރައްޔިތުންގެ ސަރުކާރެއްގެ ގޮތުގަ އެވެ. ޓެކްސްގެ ނިޒާމް އެމްޑީޕީން ގާއިމްކުރީ ތަރައްގީއަށް ކަމަށާއި މިހާރު ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުއްޓަސް ދައުލަތަށް 12 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މައުމޫންގެ ސަރުކާރުގެ 30 އަހަރު ނަރުދަމާ އަދި ބޯފެން ވެސް އެންމެ ރަށެއްގައި ގާއިމްކުރިއިރު އެ ޕާޓީގެ ތިން އަހަރުގެ ތެރޭގައި 17 ރަށެއްގެ ނަރުދަމާ އަދި ހަ ރަށެއްގައި ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސާދީފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބަށް އެމްޑީޕީން ހުށަހަޅާ މެނިފެސްޓޯއަކީ މީހުން މަދު ރަށްރަށުގެ ގުދުރަތީ މުއްސަނދިކަން ބޭނުންކޮށްގެން ރާއްޖެ ތަރައްގީކުރަން ރާވާފައި އޮތް މެނިފެސްޓޯއެކެވެ. އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ދަނޑުވެރިކަމަށް ހާއްސަކުރި އެގްރި ވިޔަފާރި އާއި މެރިކަލްޗާ ވެސް ހިނގަނީ އެގޮތަށް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ހުރިހާ ސިޔާސަތުތަކެއް ކުދި ރަށްރަށުގެ މެދުން ގެންދާ ފައްޗެއްގެ ގޮތުގައި އަމުނާލެވިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "ކުދި ރަށްތައް ގުޅިގެން ނޫނީ ދިވެހި ރާއްޖޭގެ ތަރައްގީގެ މައި ބަދައެއް ބިނައެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ މެނިފެސްޓޯ ބައްލަވާފައި އެއްވެސް ބޭފުޅަކު ވިދާޅުވެގެން ނުވާނެ ކުދި ރަށްތަކާ އަޅައެއް ނުލައޭ، ދެން ވެސް އަޅައެއް ނުލާނެއޭ. ކޮންމެ ފަހަރަކު ވޯޓަކަށް އައިސް އެ ވާހަކަ މި ވާހަކަ ދައްކާނެއޭ،" ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވައުދުތަކަކީ ފުއްދާނެ ވައުދުތަކެއް ކަމަށާއި އެ ޕާޓީން ކޮށްފައިވާ ކަންކަމަށް ބެލުމުން އެކަން ސާފުވާނެ އެވެ. ރަށު ޖީބަށް ޑޮލަރު ވައްދާނެ ސިޔާސަތުތައް އެ ޕާޓީގައި އެބަހުރި ކަމަށާއި އެ ތަސައްވަރުތައް ހަގީގަތް ހެދުމަށް ހުރިހާ ޕާޓީތަކުން ވެސް އެހީތެރިވެދިނުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ. މާފުއްޓަށް ވަޑައިގެން އެ ރަށުގައި ވިދާޅުވީ މާފުއްޓަކީ ލާރި ލިބޭ ރަށެއްކަން ތަރައްގީގެ މަޝްރޫއުތަކަށް އެހީވަމުން އަންނަ ބޭންކްތަކަށް އެނގޭ ކަމަށެވެ. އެ ރަށަކީ ޓޫރިޒަމްގެ މަންފާކުރާ ރަށެއްކަން ވޯލްޑް ބޭންކާއި އައިއެމްއެފް އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި އިސްލާމިކް ބޭންކަށް ވެސް ވަރަށް ސާފު ކަމަށެވެ. އަދި ވިދާޅުވީ މާފުށީގެ ތަރައްގީ އަށް ގެންގުޅޭ މޮޑެލްއަކީ ރަނގަޅު އަދި އެ މޮޑެލްއާ ގުޅޭގޮތުން ދައްކަނީ ހަމަޖެހޭ ވާހަކަތަކެއްކަން އެ ބޭންކްތައް އެނގޭ ކަމަށެވެ. "އެހެންވީމާ [ބޭންކްތަކަށް އެނގޭ] މި ރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާ އާއި މަދަރުސާ އާއި ހޮސްޕިޓަލާއި މިސްކިތްތައް އަޅަންޖެހޭނެކަން. ބޭރުގައުމުތަކުން ވެސް އެހީތެރިވާއިރު ބޮޑަށް ބަލަނީ އެ އެހީތެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ބުރައަކަށް ވެގެން ނުވާނެއޭ،" ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީން އިންތިހާބަށް ހުށަހަޅާފައިވާ ގެސްޓު ހައުސް ވިޔަފާރިއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ވިޔަފާރީގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެ ހިދުމަތް ފޯރުކޮށްދެވެނީ ވިޔަފާރިކޮށްގެން ކަމަށާއި ރަށްރަށުގައި ހުރި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ރަށަށް ފައިދާ ހުރި ކަންކަން ކުރެވޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ