ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ގައިޑްލައިނާއި އެއްގޮތަށް ރިޔާސީ އިންތިހާބު ނުބާއްވާނަމަ އެއީ ޣައިރު ގާނޫނީ އިންތިހާބެއް ކަމަށާއި، އެފަދަ އިންތިހާބަކަށް "އާބަސް" ބުނެވެން ނެތް ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ހަރަކާތްތައް ނިންމާލުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ގަޑި ހަމަވާން ކުޑަ ވަގުތުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ އިންތިހާބު ކުރިއަށް ގެންދަންވީ ގޮތް ބަޔާންކޮށް 16 ކަމެއް ހިމެނޭ ގައިޑްލައިނެއް ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ކަމަށެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ އެންގުމާއި ހިލާފަށް އިންތިހާބު ބާއްވާނަމަ އެއީ ގާނޫނު އަސާސީއާ ޚިލާފު އިންތިހާބެއް ކަމަށާއި، ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
"ގާނޫނު އަސާސީއާ ސުޕްރީމް ކޯޓުގެ އެންގުމާއި ހިލާފަށް މާދަމާ އިންތިހާބު ބާއްވާނަމަ އެއްވެސް ޝައްކެއް ނެތް އެއީ ޣައިރު ގާނޫނީ އިންތިހާބަކަށް ވާނީ. އެފަދަ އިންތިހާބަކަށް އަޅުގަނޑުމެންނަކަށް ޖާގަ ދެވޭކަށް ނެތް. އަދި އެފަދަ އިންތިހާބަކަށް އަޅުގަނޑުމެން ތާއީދުކުރާނީ ކިހިނެއްތޯ؟ ގާސިމް ސުވާލު ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ގައިޑްލައިންގައިވާ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ސުޕްރީމް ކޯޓުން އަންގާފައިވާ ތާރީހުގެ ކުރިން އިންތިހާބު ނުބޭއްވޭނަމަ އެކަމުގައި ސުޕްރީމް ކޯޓަށް ވަޑައިގެން ހައްލެއް ހޯދުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންގެންދާ ވޯޓާސް ރަޖިސްޓްރީ ހިމެނޭ ސާވާ ތެރެއަށް ބަޔަކު ވަންނަމުންދާ ކަމަށް ތުހުމަތުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ސާވާ ތެރެއަށް ބަޔަކު ވަދެ ރަޖިސްޓްރީއާ ކުޅޭނަމަ ވޯޓާސް ރަޖިސްޓްރީ ސައްހަވާނެ ގޮތެއް ނޯންނާނެ ކަމަށާއި، ވޯޓާސް ރަޖިސްޓްރީ ސައްހަ ނުވާ އިންތިހާބެއް މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށެވެ.
"ކާކު ކޮން ދިވެއްސެއްތޯ ވޯޓާސް ލިސްޓާއި ކުޅެވޭ އިންތިހާބެއް ބާއްވާނަމަ ގަބޫލުކުރާނީ. އަދި އެއީ ކޮންތަނަކު ކަންކުރާ ގޮތެއްތޯ؟" ގާސިމް ސުވާލުކުރައްވާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ރަޖިސްޓްރީގެ ކޮޕީއެއް ޖުމްހޫރީ ޕާޓީއާ ހިއްސާކުރީ މިއަދު ހަވީރު 4:03 އެހާއިރު ކަމަށާއި، އެހެންކަމުން އެލިސްޓްގައި މައްސަލައެއް އުޅޭތޯ ބެލުމަށް ވަގުތުކޮޅެއް ބޭނުންވާތީ އެމަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ގައިޑްލައިނާ ހިލާފުނަމަ ބޭއްވޭނީ ޣައިރު ގާނޫނީ އިންތިހާބެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ