ރިޝީފަށް ވަޒީފާ ދޭން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި
ފުލުހުންގެ ކާރެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޝީފް ތޯހާއަށް ވަޒީފާދޭން ހައި ކޯޓުން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ރިޝީފް ވަޒީފާއިން ވަކިކުރުމުން އޭނާ އެ ވަޒީފާ ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ ރިޝީފަށް ވަޒީފާދޭން އަންގާނެ ތަނެއް ނެތް ކަމަށެވެ. ނަމަވެސް އެ ހުކުމް ރިޝީފްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމްކޮށްފައި ވަނީ ރިޝީފަށް އޭނާ ކުރިން ހުރި ވަޒީފާ ދިނުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން މައްސަލަ ނިމުނު ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގައި ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފް ކަންތައްތަކެއް ހުރި ކަމަށް ފާހަގަ ކުރެވިގެން އެ މައްސަލަ އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. ރިޝީފްގެ މައްޗަށް ތުހުމަތުކުރާ ހާދިސާ ހިނގި ކަމަށް ބުނަނީ އޮގަސްޓް ،6 2010 ގަ އެވެ. އެ މައްސަލައިގައި ރިޝީފްގެ އިތުރުން ވެސް ފުލުހުންތަކެއް ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް އެ އެންމެނަށް ވެސް އަލުން ވަޒީފާދޭން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ