މާލޭގެ ރައްޔިތުން މިއަދުގެ އެއްވެސް ވަޒީރަކަށް ދަރާފައިވާނަމަ އެންމެ ބޮޑު ދަރަންޏެއް އަދާ ކުރައްވަން ޖެހޭނީ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒުއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މާލޭގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ދަތުރުވެރިންގެ މާރުކޭޓު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ، މާލޭގައި ހުރި ދަތިތަކުގެ ވާހަކަ އިއްޒަތްތެރި ވަޒީރު ޑރ މުޢިއްޒު އަރިހުގައި ކެނޑިނޭޅި ދެއްކި މީހަކަށް އޭނާ ވާނެ ކަމަށާއި މިމާރުކޭޓުގެ ވާހަކަވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މާރުކޭޓުގެ މައްސަލަ އެމަނިކުފާނު ހައްލުކޮށްދެއްވާފައިވާ ކަމަށާއި މިކަންކަމަށް ބަލައި މާލޭގެ ރައްޔިތުން ދަރާފައިވާނަމަ އެންމެ ބޮޑަށް ދަރާފައިވަނީ ޒުވާން ވަޒީރު ޑރ މުޢިއްޒު އަށް ކަމަށް ނިހާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ (އަތޮޅުތަކުގެ) ރައްޔިތުންގެ، އަތޮޅުތަކުގައި ހުރި ރަށްތަކާއި ސާމާނަކީ ގިނަ ފަހަރަށް މާލޭގެ ކޮންމެވެސް ޢިއްޒަތްތެރި ބޭފުޅަކު ފަތް ލިޔެފަ އޮންނަ ތަނެއް. އެތަނުގައި އުފެދޭ ކާށްޓެއްވެސް ލިބޭނީ މާލޭގެ މީހާއަށް ބައި އެޅޭ ގޮތަށް. އެކާށި ކޮޅު ހިފައިގެން ވިއްކަން އައިމަ މިތާނގައި އިންނަ ގޮޅިވެސް އެއީ މާލޭގެ ކޮންމެވެސް ޢިއްޒަތްތެރިއަކު ލިޔުއްވާފަ އޮންނަ ގޮޅިއެއް. ނަމަވެސް މިއަދު، މިއީ ދަތުރުވެރިންގެ މާރުކޭޓު. މިތަނުގައި ތިއްބަވާނީ ރާއްޖޭގެ ޢިއްޒަތްތެރި އަތޮޅުތަކުގެ ރައްޔިތުން،" ނިހާން ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުން 786 މިލިއަން ރުފިޔާ ހޭދަކޮށްފައި ރާއްޖޭގެ ރައްޔިތުންނަށް މާބޮޑު ބޭނުމެއް ނުހިފޭނެ ބޮޑު އިމާރާތެއް އަޅާފައިވާއިރު، އެންމެ 2 މިލިއަން ރުފިޔާ ޚަރަދު ކޮށްލާފައި މިމާރުކޭޓު އަޅަން ނުކެރުން ކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މުސްތަޤްބަލުގައި މިސަރަހައްދުގައި ލޯކަލް މާރުކޭޓާއި ދަުރުވެރިންގެ މާރުކޭޅު ހިންގޭނެ ފަދަ ބޮޑު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އަދި އެމަނިކުފާނު އިތުރަށް ވިދާޅުވީ މިސަރުކާރަކީ ނަތީޖާ ނެރެދޭ ސަރުކާރެއް ކަމަށެވެ.
މާލޭގެ ރައްޔިތުން މިއަދުގެ އެއްވެސް ވަޒީރަކަށް ދަރާފައިވާނަމަ އެންމެ ބޮޑަށް ދަރާފައިވަނީ މިނިސްޓަރ ޑރ މުޢިއްޒުއަށް - ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ