އަންނަ އަހަރު 358.46 މިލިއަން ޑޮލަރުގެ ލޯނު ނެގުމަކީ ދަރުވާލުން: ގާސިމް

އަންނަ އަހަރު 358.46 މިލިޔަން ޑޮލަރުގެ ލޯނު ނަގަން ބަޖެޓްގައި ހިމަނާފައިވާތީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ ބަޖެޓްގައި ތަފްސީލްތައްނެތް ލޯނުތައް ނެގުމާއި އެތައް ކަމަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހިމަނާފައިވާ ކަމަށެވެ. އަދި ލޯނު ނަގައިގެން މިއަދާއި މާދަމާގެ ޖީލުތަކާއި ދަރުވާލުމަކީ ހެޔޮވާވަރުގެ ކަމެއްތޯވެސް އޭނާ ސުވާލު ކުރެއްވެވި އެވެ.
"ނެގޭ ލޯނުގެ އަދަދަށް ބަލާލާއިރު 358.46 މިލިޔަން ޑޮލަރުގެ ދަރަނި އަންނަ އަހަރު ނަގާ. މާދަމާގެ ޖީލުތައް އަޅުގަނޑުމެންގެ ދަރިން މިފަދައިން ދަރުވާލުމަށް ހެޔޮ ވާނެތޯ. މީގެ އިތުރަށް ސަރުކާރުން ގެރެންޓީ ދީގެން މުޅި ދައުލަތް ވިއްކާލުމުގެ ބޭނުމުގައޭ ނުދެންނެވިއަސް 907 މިލިޔަން ރުފިޔާގެ ސޮވަރިން ގެރެންޓީ ދިނުމަށް ހުށަހަޅާފައިވަނީ ކޮން އުސޫލަކުން ކޮން ހަމައަކުންކަން ދެނެގަތުމަކީ މެންބަރުންގެ ވާޖިބެއް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ބަޖެޓްގެ ޖުމްލަ ހަރަދުގެ ގޮތުގައި ދައްކަނީ 14.5 ބިލިޔަން ރުފިޔާ ކަމަށާއި ބޭރުގެ ހިލޭ އެހީއާއެކު އާމްދަނީގެ ގޮތުގައި 11 ބިލިޔަން ލިބޭނެކަމަށް ދައްކާ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުގެ މުޅި ޖުމްލަ ހަރަދުގެ ގޮތުގައި 17 ބިލިޔަން ރުފިޔާ ދައްކާފައިވާކަމީ އަރަތެއް ކަމަށެވެ.
އެކި ކަންކަމަށް ބަޖެޓްގައި ހިމަނާފައިވާ ބައިތައް އެތައް ގުނައަކަށް މައްޗަށް ގޮސްފައިވާއިރު އެކަމުގެ ތަފްސީލް ހިމަނާފައި ނުވާތީ، ގާނޫނާ އެއްގޮތަށް ތަފްސީލްތައް ދިނުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން ގާސިމް މިއަދު އެދިވަޑއިގެންނެވި އެވެ. ވިދާޅުވީ ގާނޫނުގައިވާ ގޮތަށް މަޖިލީހުގެ މެންބަރުންނަށް އެ ތަފްސީލްތައް ދިނުމަށް ބަޖެޓް ކޮމިޓީން ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވާ ކަމަށެވެ.
" މިއަހަރުގެ ބަޖެޓްގައި، އިއްލާނާ އިސްތިރާކާ އެންގުންތަކުގެ ހަރަދު 10.8 މިލިޔަން. އަންނަ އަހަރަށް 133.5 މިލިޔަން ކަނޑައަޅާފައި ވަނީ. އަޅުގަނޑަށް ސުވާލު އުފެދޭ. ތަފްސީލެއްނެތް އެހާބޮޑަށް އިތުރުވެފައިވާއިރު ވެސް. ލޯނު އަނބުރާ ދެއްކުމަށް 2.3 ބިލިޔަން ރުފިޔާ އެބައޮތް އަޅުގަނޑު އޮޅުން ފިލުވަން ބޭނުން އެއީ ކޮން ލޯނެއްތޯ،" ގާސިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު 2012 ވަނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވަނީ މާލިއްޔަތުގެ ގާނޫނު ބުނާގޮތަށް މައުލޫމާތުތައް ފުރިހަމަ ނުކޮށްކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ، މިއަހަރުގައި ބަޖެޓްގައި ރެކަމެންޑޭޝަންތަކެއް ހިމަނާފައިވާއިރު ގާނޫނާ އެއްގޮތަށް އެކަންތައްތަކަށް ސަރުކާރުން އަމަލުކޮށްފައިނުވާ ކަމަށެވެ.
"މިދިޔަ އަހަރުގެ ބަޖެޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭން މަޝްރޫއުތަކެއް ނުފެށިވާކަން ފާހަގަކުރަން. ހަމަ އެހެންމެ ސަބްސިޑީގެ ގޮތުގައި މަސްވެރިންނަށާ ދަނޑުވެރިންނަށް ދޭން ކަނޑައަޅާފައިވާ ފައިސާ ނުދީހުރިކަން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން. އެ ފައިސާ ޖެހޭނީ ލިބިދޭން. އެއީ ސަރުކާރު އުފުލަންޖެހޭ ހައްގެއް އެއީ ދިނުން ލާޒިމު ކަމެއް. އެއްވެސް ބަހަނާއެއް އޭގެ މައްޗަށް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެކަން ނުކުރުމަށް ދެއްކޭނެ ހުއްޖަތެއް ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ