ދިއްގަރު ބައި އިލެކްޝަންގައި ފާރިސް ހޯއްދެވި ކާމިޔާބީއަށް މައުމޫން ހޫނު މަރުހަބާއެއް ދަންނަވައިފި

މިއަދު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ފާރިސް ކުރި ހޯއްދެވުމާ ގުޅިގެން ޕީޕިއެމް ގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފާރިސް އަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ އިންތިހާބުގައި ފާރިސް ހޯއްދެވި، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.  މައުމޫން ކުރެއްވި އެހެން ޓްވީޓެއްގައި، ރައީސް ޔާމީނަށާއި އެޕާޓީގެ މެމްބަރުންނަށްވެސް އެމަނިކުފާނު ވަނީ މަރުހަބާ އާ ޝުކުރު ދަންނަވާފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ފާރިސް މައުމޫން ކާމިޔާބު ކުރެއްވީ ވާދަ ކުރެއްވި އެހެން މެމްބަރުންނަށް ލިބުނު ވޯޓުގެ އަދަދާ އަޅާ ބަލާއިރު ބޮޑު ތަފާތަކުންނެވެ. މި އިންތިޚާބުގައި ބެހެއްޓި 6 ވޯޓު ފޮށީގެ ވަގުތު ނަތީޖާ މިހާރު ލިބިފައިވާއިރު، ޕީޕީއެމްގެ ކެނޑިޑޭޓް ފާރިސް މަޢުމޫން ވަނީ 472 ވޯޓުގެ ތަފާތަކުން އެމްޑީޕީގެ ކެނޑިޑޭޓް އަޙްމަދު ރާޟީ މި އިންތިޚާބުގައި ބަލިކުރައްވާފައެވެ. ފާރިސް އަށް މިހާތަނަށް ޖުމްލަ 1229 ވޯޓު ލިބިވަޑައިގެންފައިވާއިރު، އަޙްމަދު ރާޟީއަށް ލިބިވަޑައިގަތީ 757 ވޯޓެވެ.
ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ގޮނޑި ކުރިން ފުރުއްވަމުން ގެންދެވި އެ ދާއިރާގެ ކުރީގެ މެންބަރު ނާޒިމް ކޮރަޕްޝަންގެ މައްސަލައެއްގައި ޖަލަށް ލުމަށް ޙުކުމް ކުރުމާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ