ގޯތި ދޫކުރުން ލަސްވަމުންދާތީ ތުޅާދޫ ރައްޔިތުން ރުޅިގަދަވެ އިހްތިޖާޖު ކުރަން ފަށައިފި

ބ. ތުޅާދޫއިން ގޯތި ދޫކުރުން ލަސްވަމުންދާތީ ރައްޔިތުން އިހްތިޖާޖު ކުރަން ފަށައިފި އެވެ.
ތުޅާދޫއިން ގޯތި ދޫކުރުން ލަސްވަމުންދާތީ އެރަށުގެ އަންހެނުންތަކެއް އިއްޔެވެސް ވަނީ ކައުސިލް އިދާރާ އަށް ގޯތިދޫކުރުމުގެ މައުލޫމާތު ސާފުކުރަން އެތައް އިރަކު ކައުންސިލް އިދާރާގައި މަޑުކޮށްފަ އެވެ. އެންމެފަހުން އެމީހުން އެތަނުން ބޭރުކުރީ ފުލުހުން އެތަނަށް ވަދެގެންނެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް ޒާއިދު ރަޝީދު މިއަދު ވިދާޅުވީ އިއްޔެ ހަމައެކަނި އަންހެންވެރިން ނިކުމެ ތިބި ނަމަވެސް މިއަދު ފިރިހެނުންނާއި އަނހެނުންވެސް އިހްތިޖާޖަށް ނިކުމެފައިވާ ކަމަށެވެ.
ޒާއިދު ވިދާޅުވީ މިއަދު ރައްޔިތުން އިހްތިޖާޖު ކުރަމުންދަނީ ކައުންސިލް ދޮރުމަތީގައި ކަމަށާއި އަދި ޑިމާންޑު ކުރަނީ ވީހާވެސް އަވަހަށް ގޯތި ދޫކުރުމަށް ކަމަށެވެ. އެހެންނަމަވެސް ހައުސިން މިނިސްޓްރީން މިކަމަށް ހުއްދަ ދިނުމުން ނޫނީ ރައްޔިތުން އެދޭ ގޮތަށް ގޯތި ދޫކުރެވެން ނެތް ކަމަށްވެސް ވިދަޅުވި އެވެ.
"އިއްޔެވެސް ކައުންސިލް އިދާރާއަށް މީހުން އެއްވީމަ އަޅުގަނޑުމެން ރައީސް އޮފީހަށްވެސް އަދި ހައުސިން މިނިސްޓްރީއަށްވެސް ސިޓި ފޮނުވިން. އެކަމަކު އޭގެ ޖަވާބެއް އަދި ލިބިފައެއް ނުވޭ. މިއަދުވެސް ރައްޔިތުން ނިކުމެ އިހްތިޖާޖު ކުރަން ފެށީމާ އަޅުގަނޑުމެން ހައުސިން މިނިސްޓްރީއަށް ގުޅާލިން. އެކަމަކު އެކޮޅުން ބުނަނީ މިނިސްޓަރު މުއިއްޒަށް އެކަން ދަންނަވާލާނަމޭ. ރައްޔިތުން އިހްތިޖާޖު ކުރިޔަަސް އަޅުގަނޑުމެންނަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ގޯތި ދޫނުކުރެވޭނެ ދެއްތޯ؟" އޭނާ ވިދާޅުވި އެވެ.
ތުޅާދޫ ރައްޔިތުން އިހުތިޖާޖަށް ނިކުތީ މީގެ ހަތް އަހަރު ކުރިން އެމީހުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްގެ އެއްވެސް ޖަވާބެއް ލިބިފައިނުވާތީ އެވެ.
އާބާދީގައި 2970 މީހުން ދިރިއުޅޭ ތުޅާދޫގައި ބިމުގެ ދަތިކަން ކުރިމަތިވެ 2010 ވަނަ އަހަރު 17 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެހެން ނަމަވެސް މި ތަނުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައެއް ނުވެ އެވެ.
ޒާއިދު އިތުރަށް ވިދާޅުވީ މީގެ ކުރިން ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބެއް ނުދިނުމުން ރައީސް އޮފީހަށްވެސް މިމައްސަލާގައި ސިޓީ ފޮނުވި ކަމަށާއި މި ސިޓީގެ ޖަވާބުގައި ތުޅާދޫ އިން ގޯތި ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީއާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި މަޝްވަރާ ކުރުމަށް ހައުސިން މިނިސްޓްރީގައި ތަކުރާރުކޮށް އެދެމުންވެސް މިނިސްޓްރީން ދޭ ޖަވާބަކީ އެ ބައްދަލުވުން އިންތިޒާމް ކުރަމުންދާ ކަމުގައި ކަމަށްވެސް ޒާއިދު ވިދާޅުވި އެވެ. ނަމަވެސް އެ ބައްދަލުވުން އިންތިޒާމް ކުރަމުންދާތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި މިނިސްޓަރާއި ބައްދަލުކުރުމަށް މާލެ އައުމުންވެސް ބައްދަލުކޮށްފައި ނުވާ ކަމަށްވެސް ޒާއިދު ވަނީ ވިދާޅުވެފަ އެވެ.
ތުޅާދޫގައި އހްތިޖާޖު ކުރަމުންދާއިރު އެއަތޮޅު އޭދަފުށީގައި ތިބި ފުލުހުން މިހާރު ގެންދަނީ ތުޅާދޫގައި ހަރަކާތްތެރިވަމުންނެވެ. މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާއިރު ކައުންސިލް އިދާރާތެރޭގައި އިހްތިޖާޖު ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތުޅާދޫގެ ހުރިހާ ކައުންސިލަރުންނަކީ ވެސް އެމްޑީޕީގެ ކައުންސިލަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ