އިންޖީނުގެ އަނދައި ހުލިވުމުން ބިލެތްފަހި ހުއްޓިފައި، ވަގުތީ ހައްލެއް މިއަދު ލިބޭނެ: ކައުންސިލް

ށ. ބިލެތްފަހީ އިންޖީނުގޭގައި އަލިފާން ރޯވެ އެނދުމުގެ ސަބަބުން، ރަށުގެ އާންމު ހިދުމަތްތައް ހުއްޓި، ވިޔަފާރިތަކަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށް، އެ ރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.
ބިލެތްފަހީ އިންޖީނުގެ ރޭ ދަންވަރު އަނދައި ހުލިވީ އޭރު ހިންގާފައި ހުރި 112 ކިލޯވޮޓުގެ ޖަނަރޭޓަރުގެ ޓާބޯގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ޒިޔާދު ވިދާޅުވި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް، އިންޖީނުގެ ވަނީ އަނދައި ހުލިވެފަ އެވެ.
އާބާދީގައި ގާތްގަނޑަކަށް 700 މީހުން ދިރިއުޅޭ ބިލެތްފަހީގައި ކަރަންޓް ނެތުމުގެ ސަބަބުން ސުކޫލް ބަންދުކޮށްފައިވާ ކަމަށާއި، ސިއްހީ މަރުކަޒާއި ކައުންސިލްގެ ހިދުމަތް ވެސް ހުއްޓިފައިވާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
"ރަށުގެ ހުރިހާ ހިދުމަތެއް މިވަނީ މުޅިން ހުއްޓުމަކަށް އައިސްފައި. ކަރަންޓް ނެތުމުގެ ސަބަބުން ބައެއް ގޭގައި ފާހާނާކުރުމަށް ވެސް ވަނީ ދަތިތައް ކުރިމަތިވެފައި،" އޭނާ ވިދާޅުވި އެވެ.
ފިހާރަތަކުގައި ހުރި ފިނިކުރި ކުކުޅާއި ފިނިކޮށްފައި ބަހައްޓަންޖެހޭ އެހެން ބާވަތްތަކުގެ މުދާތައް ވެސް މިހާރު ދަނީ ހަލާކު ވަމުންދާ ކަމަށް ޒިޔާދު ވިދާޅުވި އެވެ.
އިންޖީނުގެ ރޯވުމާއެކު އެ މައްސަލަ ތަހްގީގުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، ފެނަކައިގެ ޓީމެއް ވެސް މިއަދު ބިލެތްފައްސަށް ދާނެ ކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި ޖަނަރޭޓަރު ސެޓެއް އެރަށަށް ގެންގޮސްގެން ވަގުތީ ގޮތުން މިއަދު ކަރަންޓް ދެވޭތޯ ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
 
"ލިބިފައިހުރި ގެއްލުން ވަރަށް ބޮޑު، މުޅި އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އިންޖީނުތައް ހަލާކު ވެފަައި. ޕެނަލް ބޯޑުވެސް،" ޒިޔާދު ވިދާޅުވި އެވެ.
 
ބިލެތްފަހީގައި ހުންނަނީ ހަތަރު ޖަނަރޭޓަރެވެ. އެއީ 120 ކިލޯވޮޓާއި، 112 ކިލޯވޮޓް އަދި 80 ކިލޯވޮޓްގެ އިތުރުން 28 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ