އިސްތިއުނާފީ މަރުޙަލާތައް ނިމެންދެން މާމިގިލީ ދާއިރާގެ ގޮނޑިއާ މެދު ފިޔަވަޅެއް ނޭޅުމަށް ގޮވާލައިފި

އިސްތިއުނާފީ މަރުޙަލާތައް ނިމެންދެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތަމްސީލު ކުރައްވަމުން ގެންދަވާ މާމިގިލީ ދާއިރާގެ ގޮނޑިއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ގާސިމްގެ ވަކީލުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފިއެވެ.
ގާސިމްގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޤާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ ޤާނޫނޫނުއަސާސީއާއި ކަމާގުޅުންހުރި އެހެނިހެން ޤާނޫނުތަކާ ވެސް ޚިލާފަށް އަދި އެމަނިކުފާނުގެ ޣައިރު ޙާޟިރުގައި ޝަރީޢަތްކޮށްގެން ކޮށްފައިވާ ޙުކުމެއްކަމަށްވާތީ އެޙުކުމް އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ޙުކުމެއް ކުރިނަމަވެސް، އެޙުކުމެއް އިސްތިއުނާފުކުރުމުގެ ޙައްޤު އޮތްހާހިނދަކު، އެމެންބަރެއް ތަމްސީލުކުރާ ދާއިރާގެ ގޮނޑި ހުސްވެއްޖެކަމަށް ނުބެލެވޭނެކަމަށް، ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން އެ ބަޔާނުގައި ވަނީ މެންބަރުކަމުގެ ގޮނޑި ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިއްޖެނަމަ އެމައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަން ވެސް ވަނީ ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑަނާޅާހާ ހިނދަކު އެގޮނޑިއެއް ހުސްވެއްޖެކަމަށް ޤާނޫނީ ގޮތުން ނުބެލެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެޙުކުމުގެ އިސްތިއުނާފީ މަރުޙަލާތައް ނިމެންދެން މާމިގިލީ ދާއިރާގެ ގޮނޑިއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުއްވުމަށް މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ