ސިވިލް ކޯޓުގެ ހުކުމް ގަބޫލުކުރަން މައުމޫން ދެކޮޅު ހައްދަވައިފި

ސިވިލް ކޯޓުން މިއަދު ކުރި ހުކުމަކީ ވަރަށް ދެރަ ކޮށް ކޮށްފައިވާ ކަމެއް ކަމަށާއި އެ ހުކުމް ގަބޫލުކުރަން ދަތިކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ކޯޓުން ކޮށްފައިވާ ހުކުމްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ އޮފީސް ހަވާލުކުރުމަށް އަންގާފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ސިވިލް ކޯޓުން މިއަދުގެ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިއަދު މެންދުރުފަހަށް ކަމަށާއި ކުއްލިއަަކަށް ގަޑި ބަދަލުވެ ހުކުމް އައި ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރި އިރު ޕާޓީގެ އަސާސީ ގަވައިދުގައި އެއީ ޕާޓީގެ ހިންގުމުގެ އެއްވެސް ކަމަކާއި ބެހުމެއް ނެތް ގޮތަށް ހުންނަވާ ރަމްޒީ ބޭފުޅެއް ކަން އިނގޭ ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ)އާ ހަވާލާ ދެއްވައި މައުމޫން ވިދާޅުވީ އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޕާޓީގެ ހިންގުމުގެ އެއްވެސް ކަމެއްގައި ޝާމިލު ނުވާނެ ކަމަށް ސާފުކޮށް އަސާސީ ގަވައިދުގައި ބުނެފައިވާ ކަމަށެވެ.
"އެއްވެސް ގައުމެއްގައި ޕާޓީ ހިންގާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫން. އަދި ޕާޓީ ތެރޭގައި ޖެހުނު މައްސަލަ އަކީ ކޯޓަށް ގޮސްގެން ހައްލު ހޯދަންޖެހޭ ވަރުގެ ކަމެއް ވެސް ނޫން ހަގީގަތުގައި. ދެން މިފަަދަ މައްސަލަތައް ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިނގާނެ ކަމަކަށް ނުދެކެން. ކޯޓް ތަކަށް އަޅުގަނޑު އިހްތިރާމް ކުރަން. އެހެންނަމަވެސް މި ނިންމުން ގަބޫލުކުރަން ދަތި،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ އަސާސީގެ ގަވައިދުގައި ޕާޓީގެ ރައީސްގެ މަގާމު ހުސްވާނެ ގޮތް ވެސް ބުނެދީފައިވާއިރު އެފަދަ އެއްވެސް ހާލަތެއް އެމަނިކުފާނަށް ވެސް އަދި ޕާޓީއަށް ވެސް ކުރިމަތިވެފައި ނެތް ކަމަށެވެ. އެހެންކަމުން ޕާޓީގެ ހިންގުން ޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ސިވިލް ކޯޓުން އެންގި ސަބަބެއް ސާފު ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނާ ރައީސް ޔާމީނާ އަމިއްލަ މައްސަލައެއް ނެތް ކަަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު ރައީސް މައުމޫނާ ނުލައި ކާމިޔާބު ކުރެވިދާނެތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އިންތިހާބުގެ ކަންކަން ދުރާލައި ބުނެދޭން އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނަށް ވެރިކަަމަށް ވަޑައިގެންނެވުނީ އެމަނިކުފާނު އެތައް ރަށަކަށް ވަޑައިގެން އަދި ޕާޓީ ތަކުގެ ލީޑަރުންގެ އަރިހަށް ވެސް ވަޑައިގެން ކޮށްދެއްވި މަސައްކަތުން ކަމަށްވެސް ވިދާޅުވި އެވެ. އަދި މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުންނަކީ އެބޭފުޅުންނަށް އެމަނިކުފާނު މަސައްކަތް ކޮށްދެއްވި ބޭފުޅުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނާ ދެކޮޅަށް ބަޔަކު ބަޣާވާތް ކޮށް އަދި ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަންކަން ކުރެއްވި ނަމަވެސް އެމަނިކުފާނު އެއްވެސް ކަމެއް ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކުރައްވާފައި ނުވާނެ ކަމަށެވެ. ޕީޕީއެމްއަކީ އެތައް ބަޔަކު ހިއްސާވާ ޕާޓީއަކަށް ވެފައި އެމަނިކުފާނު ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވިހާ ދުވަހަކު ޕާޓީ ހަލާކުވެގެންދާން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ޑީއާރްޕީގެ ޒައީމުގެ މަގާމުގައި އެމަނިކުފާނު ހުންނަވަނިކޮށް އެޕާޓީގެ ތެރޭގައި ހިޔާލުތަފާތުވެ އާ ޕާޓީއެއް އުފެއްދުމަށް އެމަނިކުފާނަށް ތަކުރާރުކޮށް ދެންނެވީ މިއަދު ޕީޕިއެމްގެ ތެރޭގައި އެމަނިކުފާނާ ދެކޮޅަށް ތެދުވެ އުޅުއްވާ ބޭފުޅުން ކަމަށެވެ. އަދި އާ ޕާޓީއެއް އުފެއްދުމަށް ތަކުރާރުކޮށް އެ ބޭފުޅުން އެދުމުން އެކަމަށް އެއްބަސްވެވަޑައިގަތީ އެމަނިކުފާނަށް ހިތްދަތިކަމެއް ދެރައެއް ލިބޭ ގޮތަށް އަމަލުނުކުރެއްވުމަށާއި އަބަދުވެސް އެމަނިކުފާނާއި އެކު އެބޭފުޅުން ތިއްބަވާނެ ކަމަށް ވައުދުވެވަޑައިގަތުމުން ކަމަށްވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ