ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔާމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބުރާހިމް ޗުއްޓީ ހޭދަކޮށްލެއްވުމަށް ހދ. ހަނިމާދޫއަށް ވަޑައިގެންފި އެވެ.
ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ހަނިމާދޫއަށް ވަޑައިގެންނެވީ މިމަހުގެ 25 ވަނަ ދުވަހު އެވެ.
ޗުއްޓީގައި ހަނިމާދޫގައި ހޭދަކުރައްވާ ދުވަސްތަކުގައި މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ގެންދަވަނީ ހަނިމާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، އެމީހުންގެ ދިރިއުޅުމުގެ މަސައްކަތުގައިވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގެންނެވިފަހުން އަތޮޅުތެރޭގެ ރަށެއްގައި ޗުއްޓީ ހޭދަކުރެއްވުމަށް މައުމޫން ވަޑައިގެންނެވި ފުރަތަމަ ފަހަރު އެވެ.
ހަނިމާދޫގައި ޗުއްޓީ ހޭދަކުރެއްވުމަށްފަހު ރައީސް މައުމޫނު އެނބުރިވަޑައިގަންނަވާނެ ތާރީހެއް ސާފެއްނުވެ އެވެ.
ރައީސް މައުމޫނު އަތޮޅުތެރެއަށް ވަޑައިގެން ޗުއްޓީ ހޭދަކުރައްވަމުން ގެންދަވާއިރު، ޕީޕީއެމްގެ ރައީސް މައުމޫނުގެ ފެކްޝަނުން ވަނީ، އަތޮޅުތެރޭގައި ތިބި މައުމޫނުގެ ސަޕޯޓަރުންނާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނު އަތޮޅުތެރެއަށް ދަތުރުތައް ފައްޓަވާނެކަމަށް މީގެ ކުރިން ބުނެފައެވެ.
ޕީޕީއެމް ދެބައި ޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަން އުފެދިފައިވާއިރު، ޕީޕީއެމްގެ މުޝްތަޝާރު ރައީސް ޔާމީންގެ ފެކްޝަނާއި މައުމޫނުގެ ފެކްޝަނުން މަސައްކަތް ކުރަމުންދަނީ ވަކިންނެވެ. އަދި އެއާއި ގުޅިގެން އުފެދުނު ހިޔާލުތަފާތުވުންތަކާއި ކޯޓުން ވަނީ ޕީޕީއެމްގެ ރަސްމީ ހައިސިއްޔަތު ލިބިގެންވަނީ ރައީސް ޔާމީންގެ ފެކްޝަނަށް ކަމަށް ކަނޑައަޅާފަ އެވެ.
މައުމޫނު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޗުއްޓީ ހޭދަކޮށްލެއްވުމަށް ހަނިމާދޫއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ