ދިވެހި ސަރުކާރުގެ މަރުޙަބާ ސުޕްރީމް ކޯޓުގެ ނިންވެމުމަށް!

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ނުވަ ޤައިދީއަކު މިނިވަން ކުރުމަށް ކުރި ޙުކުމް ބާޠިލްކޮށް، ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުބެލޭނެ ކަމަށް ކަނޑައެޅި ބައި ސުޕްރީމް ކޯޓުން މިރޭ ބާޠިލް ކޮށްފައިވާތީވެ ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ރައީސް އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އަމުރަށް ގެނައި ބަދަލުތަކަށް މަރުހަބާ ކިޔާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހިމެނޭ ބައިތަކުގެ ތެރެއިން ނުވަ ޤައިދީއެއްގެ މައްސަލަ އަލުން ބެލޭނެ އިންތިޒާމް ހަމަޖައްސައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަން ކުރުމަށް ކަނޑައަޅާފައިވާ ބަޔާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާއި ބެހޭ އެއްވެސް މައްސަލައެއް އެޖެންޑާ ކޮށް ބެލުމުގެ ބާރު ޖުޑީޝިއަލް ސާވިސް ކޮމިޝަނަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލް ކޮށް، މިރޭ ސުޕްރީމް ކޯޓުން ނެރުއްވި އަމުރަކީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފާއި އާދަމް މުހައްމަދު އަބުދުﷲ އާއި ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރެކެވެ.
ނަމަވެސް ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައިވާ ބައި ރޭ ނެރުނު އަމުރުގައި ބާޠިލްކޮށްފައެއް ނުވެއެވެ. އިއްޔެގެ ވަގުތެއްގައި ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރާއެކު ރައީސް ހިފެހެއްޓެވި ސުޕްރީމް ކޯޓްގެ ބާރުތައް ވެސް ރޭ، ރައީސް ވަނީ އަލުން އެކޯޓަށް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ