ޕީޕީއެމް ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް މައުމޫން ވިދާޅުވެއްޖެ

އަންނަ މާޗު މަހުގެ 30 ވަނަ ދުވަހު ބާއްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ނެރުއްވެވި ބަޔާނެއްގައި ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ނުކުރައްވަން ނިންމަވާފައިވާ ކަމަށާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމު ކާމިޔާބު ކަމާއެކު ފުރުއްވުމުގެ ގާބިލިއްޔަތުކަން ހުރި ބޭފުޅުން ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އެހެންކަމުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅެއްގެ އަރިހުގައި ދެމިހުރެ އެބޭފުޅަކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްޓަކައި އެމަނިކުފާނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަނުކުރި ނަމަވެސް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރުމުގައި ކުރުމުގައި މާތް ﷲ ގެ ވާގިފުޅާއި މަދަދާއިއެކު ދެމިހުންނާނެ ކަމަށާއި އެމަސައްކަތުގައި ޕީޕީއެމް މެންބަރުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބެމުންދާނެކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދިވަޑައިގެން އެކި ގޮތްގޮތުން ގުޅުއްވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށާއި ޕީޕީއެމްގެ ހުރިހާ މެންބަރުން އެމަނިކުފާނަށް ދެއްވާ ލޯތްބަށާއި ކުރައްވާ ތާއީދަށްޓަކައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނޭ ބޭފުޅުންގެ ނަންތައް އަދި މިހާތަނަށް އެގެން ނެތް ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނޭކަމުގެ ޝައުގުވެރިކަން އެޕަޓީގެ އިސް ބައެއް ބޭފުޅުން ވަނީ ހާމަކުރައްވާފައެވެ.
އެގޮތުން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުއްﷲ ޔާމިންއާއި، ޕީޕީއެމްގެ ކުރީގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު މިހާރު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.
އަދި ޕާޓީގެ މިހާރުގެ ނައިބް ރައީސް އަދި އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާއި ސަރުކާރުގެ އެތައް ވުޒާރާތަކެއް ހިންގެވި އިލްޔާސް އިބްރާހިމް ވެސް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރާނެކަމުގެ އަޑުތަކެއް ފެތުރިފައިވެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ