އެތެރެ ހަށީގެ ބައެއް އޮޕަރޭޝަންތައް ކުރެވޭ ލެޕްރެސްކޮޕީ މެޝިނެއް ރ. އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ހަދިޔާކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.
އުނގޫފާރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ތަރައްގީކުރުމަށް އެތަނުގެ ވެރިންނާއި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި އެމަސައްކަތް ފެނި ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އެފަދަ މެޝިނެއް ހަދިޔާކޮށްދެއްވުމަށް ނިންމެވީ އެހޮސްޕިޓަލް ކުރިއެރުވުމަށްޓަކައި އެތަނުގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ތަރައްގީ ކުރުމަށް އެތަނުގެ ވެރިންނާއި މުވައްޒަފުން މަސައްކަތް ކުރަމުންދާ ފަދައިން އެހެން ފަރާތްތަކުންވެސް މަސައްކަތް ކުރާނަމަ އެތަނެއް ކުރިއަރާ ތަރައްގީވެގެން ދާނެ ކަމަށެވެ.
މިމެޝިން އެހޮސްޕިޓަލަށް ހަދިޔާ ކުރައްވާނީ ކޮންދުވަހަކު ކަމެއް ގާސިމް ރޭ ވިދާޅެއް ނުވެ އެވެ. މިފަދަ މެޝިނެއް ރާއްޖެތެރޭގެ ރަށެއްގައި މިހާތަނަށް ބަހައްޓާފައެއް ނުވެއެވެ.
ގާސިމް މީގެކުރިން އުނގޫފާރު ސްކޫލަށް ވެދެއްވި އެހީތެރިކަމަށްޓަކައި އެ ސްކޫލުގެ ފަރާތުން ވަނީ ގާސިމަށް ހަނދާނީ ފިލައެއް ރޭގެ ޖަލްސާގައި އަރުވާފައެވެ. އަދި ހޮސްޕިޓަލް ކުރިއެރުވުމަށް މުވައްޒަފުން ކުރާ މަސައްކަތަށް އެހީވެދީފައިވާތީ ރޭ ގާސިމަށް ވަނީ އެހޮސްޕިޓަލުގެ މުވައްޒަފުން ޖާފަތެއްވެސް ދެއްވާފައެވެ.
އުނގޫފާރު ހޮސްޕިޓަލަށް ލެޕްރެސްކޮޕީ މެޝިނެއް ގާސިމް ހަދިޔާކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ