ދަތިކަމެއް ނެތި އިންޑިއާއިން މިހާރު ފިޔާ އެތެރެ ކުރެވޭނެ: ފޮރިން މިނިސްޓްރީ

ދަތިކަމެއް ނެތި އިންޑިއާއިން މިހާރު ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދިޔަ މައްސަލަތައް ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ދަތިކަމެއް ނެތި މިހާރު އިންޑިއާއިން ރާއްޖެއަށް ފިޔާ އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުންވަނީ ދީފައެވެ.
ރާއްޖެއަށް ފިޔާ އެތެރެ ކުރަނީ އިންޑިއާއިންނެވެ. ދާދިފަހުން އިންޑިއާއަށް ކުރި ވިއްސާރައިގައި އެގައުމުގެ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއި ގުޅިގެން، އިންޑިއާއިން ބައެއް ގައުމުތަކަށް ފިޔާ ދޫކުރުން ހުއްޓާލިއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރާއްޖެއަށް ދީފައިވާ ކޯޓާ ބާތިލުކޮށްފައިނުވާ ކަމަށެވެ.
ފޮރިން މިނިސްޓްރީގެ އިތުރުން އެސްޓީއޯއިން ވެސް މިއަދު ބުނެފައިވަނީ، ފިޔާ ލިބުމުގައި ކުޑަ ދަތިކަމެއްހުރި ނަމަވެސް، ދެ ދުވަސް ތެރޭގައި ފިޔާ އާ ޝިޕްމަންޓުތައް ލިބޭނެ ކަމަށެވެ. އަދި މިރޭ ވައިގެ މަގުން ވެސް ފިޔާ ޝިޕްމަންޓެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިހާރު ބާޒާރުގައި ފިޔާ ކިލޯއެއްހުރީ، 45 ރުފިޔާ އާއި 50 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މީގެކުރިން ފިޔާ ކިލޯއެއް އާންމުކޮށް 10 ރުފިޔާއަށް 15 ރުފިޔާއަށް ލިބެން ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ