ޒިޔާދާގެ މަރުގެ މައްސަލައިގެ ހުކުމް: މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި

ޖިިންސީ އަނިޔާތަކުގެ ސަބަބުން މަރުވި ، ގދ. ތިނަދޫ ތޭންކު ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ، އޭނާގެ ފިރިމީހާ، އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ ކަރަންޓީނު ކޮށްފައި ހުރުމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ. ހައި ކޯޓުން ބުނީ  މި އަޑުއެހުން ކެންސަލް ކުރީ ޝާހު ހޯމް ކަރަންޓީނުގައި ހުރުމުން ކަމަށެވެ. އޭނާ ކަރަންޓީންގައި ހުރީ ގދ.ތިނަދޫގައެވެ.ޝާޙުގެ މައްޗަށް ދަޢުލަތުން އެންމެ ފުރަތަމަ ކުރީ ތިން ދަޢުވާ އެކެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ދަޢުވާތައް ކުރި ފަހުން އޭނާގެ މައްޗަށް ދަޢުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް މި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް މިދިޔަ އަހަރުގެ މާޗު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.މި ދައުވާތައް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހުން ބުނެފައިވަނީ ކުރިމިނަލް ކޯޓުން ދައުވާތައް ސާބިތު ނުވާ ކަމަށް ނިންމީ ހުށަހެޅި ހެކިތަކަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.  އަދި ރުހުން ނެތް ކަމަށް ދަލާލަތުކޮށްދޭ އަނިޔާތައް ޒިޔާދާ ނައީމްއަށް ލިބިފައިވާކަން އެނގޭ މެޑިކަލް ލިޔުންތަކަށް ވެސް ހުށަހެޅި ކަމަށާއި ނަމަވެސް މައްސަލަ ނިންމެވުމުގައި އެއިން އެއްވެސް ކަމަކަށް ޝަރީއަތުން ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. މީގެ ކުރިންވެސް މި މައްސަލައިގެ އިސްތިއުނާފު ދެ އަޑުއެހުމެއް ހައިކޯޓުގައި ވަނީ ބާއްވައިފައެވެ. ނަމަވެސް އެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވާލައިގެނެއް ނޫނެވެ. އެއީ މި މައްސަލަ ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، މި މައްސަލައިގެ އަޑުއެހުންތައް އާއްމު ނުކޮށް ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން އެދިފައި ވާތީއެވެ.ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ގޮތުގައި ޒިޔާދާ ނައީމުގެ ހަށިގަނޑުގެ އެކި ބައިތަކަށް ވަނީ އަނިޔާ ލިބިފައެވެ. ޒިޔާދާގެ މަރުގެ މައްސަލައަކީ އޭރު މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު މައްސަލަ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ