ރިޔާސީ ނިޒާމަކީ އެންމެ ކަށަވަރު ނިޒާމު: މައުމޫން

ސިޔާސީ އިޖްތިމާއީ އިގްތިސާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ފާހަގަކޮށް އެއީ ކަށަވަރު ނިޒާމުކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ރިޔާސީ ނިޒާމްކަންކަމަށެވެ. އޭރު 2007 ވަނަ އަހަރު ރިޔާސީ ނިޒާމާއި، ބަރުލަމަނީ ނިޒާމަށް ތާއިދުކުރަނީ ކޮންބައެއްތޯ އެހި ވޯޓުންވެސް އެ މަނިކުފާނު އޭރު ތާއިދުކުރައްވާފައިވަނީ ވެސް ރިޔާސީ ނިޒާމަށެވެ. އެގޮތުން 2007 ވަނަ އަހަރުގައި އެހި ނިޒާމީ ވޯޓޫގެ 62 އިންސައްތަ އެއްބަސްވެފައިވަނީވެސް ރިޔާސީ ނިޒާމަށްށެވެ.
Twitter Embeded
ރިޔާސީ ނިޒާމާ އެއްކޮޅަށް މައުމޫން އަނެއްކާ ވެސް މި ނުކުންނެވީ ބަރުލަމާނީ ނިޒާމަށް ވެރިކަން ހިންގުން ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވާފައި ވަނިކޮށެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ޖާބިރު ހުށަހެޅުއްވިއިރު، މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ބޮޑަށް އެ ނިޒާމަށް ތާއިދުކޮށް ވަކާލާތުކުރާ ބޭފުޅެކެވެ. އެކަމަށް ސަރުކާރުގައި އެމަނިކުފާނު ދަނީ މަޝްވަރާކުރަމުންއެވެ. ނަމަވެސް މީގެ ކުރިން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީ އެކުލަވާލީ، ވެރިކަން ކުރާ ނިޒާމަކާމެދު ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން ރައްޔިތުންގެ ގާތަށް ދާން ޖެހިދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ގާނޫނުއަސާސީއަށް ބަދަލުގެންނާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ