ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
ޓޫރިޒަމް މިނިސްޓަރު ކަމަށް ޑރ.މައުސޫމް އައްޔަން ކުރެއްވުމަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ ވޯޓުންނެވެ.
ޑރ. އަބްދުﷲ މައުސޫމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކުރީ މިމަހުގެ ދެވަނަ ދުވަހުގައެވެ.
ޑރ. މައުސޫމަށް ރުހުންނުދީ އަނބުރާ ކޮމިޓީއަށް ފޮނުވާލަން މިމަހުގެ 25 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއިން ނިންމީ، ވަޒީރުކަމުގެ ހުވާ ފުރަތަމަ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއް ހިންގުމުގައި ޑރ. މައުސޫމް ހުންނެވުމުންނެވެ.
ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ އެމަގާމުގައި ކުރިން ހުންނެވި އަލީ ވަހީދު އެމަގާމުން ވަކިކުރުމުންނެވެ.
ޑރ. މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.
ޑރ. އަބްދުﷲ މައުސޫމު ދެވަނަ ފަހަރަށް މަގާމުގެ ހުވާކުރެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގައެވެ.
ޑރ. މައުސޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަގާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަގާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަގާމުތައް ފުރުއްވާފައެވެ.
އަދި، އެމަނިކުފާނު ވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ