ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުމާމަށް މަރުގެ އަދަބުން ސަލާމަތްވުމުގެ ފުރުސަތު އަދިވެސް ލިބިދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހުސައިން ހުމާމު މަރުގެ އަދަބުން ސަލާމަތް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އުމަރު ވިދާޅުވީ ދަށުގެ ކޯޓުން ހުމާމުގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ ގިސޯސް ހިފުމާ ހަމައަށް ދާއިރު އަފްރާޝީމްގެ އާއިލާއާއި ހުމާމާ ދެމެދު މައާފްދިނުމާ މެދު ވާހަކަ ދެކެވޭނެ ކަމަށެވެ. އެގޮތުން ދެކެވޭ ވާހަކައިގައި އަފްރާޝީމް އަވަހާރަކޮށްލުމަށް ހުމާމަށް ފައިސާ ދިނީ ކޮން ބައެއްކަން ޝަރީއަތަށް ކިޔައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެހެން ވެއްޖެނަމަ ހުމާމް މަރުގެ އަދަބުން ސަލާމަތް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އަފްރާޝީމްގެ އާއިލާއާއެކު ވާހަކަ ދައްކައި މައާފްލިބޭތޯ މަސައްކަތް ކުރުމުގެ ފުރުސަތު ގާތިލަށް އޮންނާނެ. އަދިވެސް އުންމީދުކުރަނީ ސުޕްރީމް ކޯޓުން ހުކުމް ދަމަހައްޓައިފިނަމަ، ގިިސޯސް ހިފުމާ ހަމައަށް އަންނައިރު ހުމާމާއި އަފްރާޝީމްގެ އާއިލާ ދޭތެރޭ މައާފްދިނުމާ ބެހޭގޮތުން ވާހަކަދެކެވި، ހުމާމަށް ފައިސާ ދިނީ ކޮން ބައެއްކަމުގެ ހެކި ދޭނެ ކަމަަށް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަފްރާޝީމްގެ ގާތިލް އެހެރީ ހޯދާފައި ކަމަށާއި ސުޕްރީމް ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓައިފިނަމަ އެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމަށް ފަންޑު ކުރި މީހުން ހޯދޭނެ ކަމުގެ އުންމީދު އަދިވެސް ގެއްލުވައިނުލާ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލުމަށް ރޭވި މީހުންނާއި އެކަމަށް ފަންޑު ކުރި މީހުން ނުހޯދެނީސް ގާތިލަށް މަރުގެ އަދަބު ތަންފީޒު ކޮށްފިނަމަ އެކަންކަން ހޯދުމަށް ހުރަހަކަށް ނުވޭނެތޯ ދެންނެވުމުން ހޯމް މިނިސްޓަރު ވިދާޅުވީ ހުރަހަކަށް ވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ހުރަހަކަށް ވިޔަސް ގާނޫނުގައި އޮތް ގޮތަށް ގާތިލާ މެދު އަމަލުކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
"ފަންޑުކުރި ބަޔަކާއި އަޑީގައި ތިބި މީހުންނާއި އެކަމުގެ މަގުސަދާ ހަމައަށް ވެސް ދެވުނު. ފަންޑުކުރި މީހުން ހޯދައި ހައްޔަރުވެސް ކުރެވުނު. އެކަމަކު ޝަރުއީ ކޯޓެއްގައި ސާބިތުކުރެވޭވަރަށް ހެކި ނެތިގެން އެމީހުން ދޫކޮށްލަން ޖެހުނީ" އުމަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި މީހުންގެ މަތިން މުޅިން އަތްދޫކޮށްލީ ނޫން ކަމަށާއި އަދިވެސް އިތުރު ހެއްކެއް ލިބިއްޖެނަމަ އެމީހުން ހައްޔަރުކުރާނެ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގެ މައްސަލައިގައި ވެސް އެންމެ ބޮޑަށް ތުހުމަތުކުރެވޭ މީހަކީ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމުގައި ވެސް އެންމެ ބޮޑަށް ތުހުމަތުކުރެވޭ އަޒްލީފް ރައޫފެވެ. އޭނަ ސީރިޔާއަށް ގޮސް މަރުވެފައިވާ ކަމަށް މީޑިއާގައި ވަނީ ޚަބަރު ފެތުރިފައެވެ. ނަމަވެސް ހޯމް މިނިސްޓަރު ވިދާޅުވީ އޭނަ މަރުވެއްޖެ ކަމަށް ސަރުކާރުން ގަބޫލުނުކުރާ ކަމަށެވެ. އެއީ ސަރުކާރަށް އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށާއި އޭނަ ހޯދުމުގެ މަސައްކަތް ސަރުކާރުން ހުއްޓާނުލާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް މައްސަލަ ނިންމީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހެވެ.
ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ހުމާމްގެ ފަރާތުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެއް ނުވެއެވެ. ސުޕްރީމް ކޯޓުން ދާދިފަހުން އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން މަރުގެ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުން އެ މައްސަލަ އިސްތިއުނާފް ނުކޮށްފިނަމަ ކުށްވެރިޔާގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާނީ ދައުލަތުންނެވެ. އެހެންކަމުން ހުމާމުގެ މަރުގެ ހުކުމްގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
ހުމާމަށް މަރުގެ އަދަބުން އަދިވެސް ސަލާމަތް ވެވިދާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ