މާފުށި ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ޓީމުގެ ބޭފުޅުން ކޮންމެ ދުވަހަކު އެމަނިކުފާނުގެ އަރިހަށް ކުރައްވާ ޒިޔާރަތުގައި ކުރައްވާ ކަމަކީ ހީސަމާސާ ކުރުމާއެކު އެމަނިކުފާނު މުނިފޫހިފިލުވައިދިނުމުގެ މަސައްކަތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު ނަސީރު މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަަވާ ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފަށް އެޑްރެސް ކުރައްވާ މިމަހުގެ ތިންވަަނަ ދުވަހު ފޮނުއްވި ސިޓީއެއްގަ އެވެ.
އުމަރުގެ މިސިޓީގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނަށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އެގޮތުން ވިދާޅުވެފައިވަނީ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ގާނޫނީ ވަކީލުންނަށް ލިބިދޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިތްޕެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"ފަހަކަށް އައިސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ގާނޫނީ މަސައްކަތް ކުރައްވަން ކަމަށް ވިދާޅުވެ ކޮންމެ ދުވަހަކު އެމަނިކުފާނުގެ އަރިހަަށް [ރައީސް ނަޝީދު އަރިހަށް] ކުރައްވާ ޒިޔާރަތުގައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސަކަރާތް ޖެހުމާއި ހީ ސަމާސާ ކުރުމާއި އެމަނިކުފާނުގެ މުނިފޫހި ފިލުވާ ދިނުމުގެ މަސައްކަތްކަން އަޅުގަނޑަށް ވަނީ ފާހަގަކުރެވިފަ އެވެ،" އުމަރު ސޮއިކުރައްވާފައިވާ ސިޓީގައިވެ އެވެ.
މިނިސްޓަރު އުމަރުގެ މިސިޓީ ހަސަން ލަތީފް މިރޭ ވަނީ ޓްވީޓް ކުރައްވާފަ އެވެ. އަދި ސިޓީގައިވާ އިބާރާތަށް ރައްދު ދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ޒިންމާދާރުކަން ކުޑަވުމާއި ގޮތެއް ނެތް ކަން "މެކުހަށް ޖަހާފައި" ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ސާބިތުވުމާ ގުޅިގެންނެވެ. އެމަނިކުފާނަށް މިހުކުމް ކުރީ މިދިޔަ މާޗް މަހުގެ 13 ވަަނަ ދުވަހު އެވެ.
ވަކީލުން ނަޝީދާ ބައްދަލުކުރަނީ އެމަނިކުފާނު ފޫހިފިލުވައިދިނުމަށް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ