ބޭރުގެ ހަތިޔާރު އެޅި ލަޝްކަރުން ނުވަތަ ޖަމާއަތްތަކުން ހަމަލާއެއްގެ ސަބަބުން ނުވިޔަސް، މިނިވަން ކަމަށް ބުރޫއަރާފަދަ ކިތަންމެ ކަމެއް ގައުމަށް ކުރިމަތި ވެދާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ތަހުނިޔާގެ ބަޔާނުގައެވެ.
މައުމޫން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން ބޭނުންނަމަ، ގައުމުގެ ސިޔާސީ ހަމަނުޖެހުން އުފެދި، ރައްޔިތުން ބައިބައިވެގައުމުގެ އެއްބައިވަންތަކަން ގެއްލިގެން ދިޔުމާއި، ގައުމުގައި އޮތް ދީނީ ވަހްދަތު ގެއްލި ހައްދު ފަހަނަ އަޅާފައިވާ އޮއިވަރު ތަކުގެ ބާރުގަދަވެ، އިގްތިސާދީ ގޮތުން ބޭރުގެ ބޮޑެތި އިގްތިސާދީ ބާރުތަކުގެ ނުފޫޒުން ސަލާމަތްވުމަށް ދިވެހިން ތިބެން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައި ތައްޔާރުވެގެން މިފަދަ ކަމެއް ރާއްޖެއަށް މެދުވެރިވިޔަ ނުދިއުމަށް، ވަރުގަދަ އަޒުމަކާ އެކު ކަމަރު ބަނދެގެން ކަމަށެވެ.
"މިނިވަންކަން ދެމެހެއްޓުމަކީ މިނިވަންކަން ހޯދުމަށްވުރެ ބުރަމަސައްކަތެއް، މިއީ ގައުމަކަށް އަދި ރައްޔިތަކަށްވެސް ލިބޭނެ އެންމެ ބޮޑު ނިއުމަތް. އެހެން ކަމުން މިނިވަންކަން ދެމެހެއްޓުމަކީ އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ މައްޗަށްވާޖިބު ކަމެއް." މައުމޫން ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ގާނޫނު ލާޒިމް ކުރާ ގޮތުގައި އެއިރެއްގެ އޮންްނަ ކޮންމެ ސަރުކާރަކުން މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރަންޖެހޭނެ ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އަދި މީގެ އިތުރަށް މައުމޫން ވިދާޅުވީ ގައުމީ އަދި ފަރުދީ ފެންވަރުގައި ކަށަވަރުކޮށްދީފައިވާ ހައްގުތަކާއި މިނިވަންކަން އޮތްއިރު ބައެއް ދިވެހިންގެ ސަބަބުން ދިވެހި ރާއްޖޭގެ މިނިވަންކަމަށް އެކި ކަހަލަ ގޮންޖެހުން އައިސްފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
ދިވެހި ގައުމީ މަސްލަހަތުގެ މައްޗަށް އެއްވެސް ބައެއްގެ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އެކަން ކުރުމަށް އެއްވެސް ޖާގައެއް އަދި ފުރުސަތެއް އެއްވެސް ދިވެއްސަކު ދީގެން ނުވާނެކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވަނީ ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުންނަށާއި ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިނިވަން ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ބަޔާނުގައި ފޮނުވާފައެވެ.
މިނިވަންކަމަށް ބުރޫ އަރާފަދަ ކިތަންމެ ކަމެއް ކުރިމަތި ވެދާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ