ލޮރެންޒޯ ޕާކު ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަހުމަދު އަރުހަމްގެ މަރުގެ ޝަރީއަތަށް ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖްގެ އެނަލިސިސް ރިޕޯޓް ތައްޔާރުކުރި މީހާގެ ހެކިބަސް ނުހޯދައި އެމައްސަލަ ނިންމަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
2012 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށްވަނީ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާއުފުލާފައިވަނީ ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި، ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި، ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފާއި، މއ. ސީނަރީ ވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ނިއުޒިލެންޑްގައި މިހާރު ދިރިއުޅެމުންދާ އެ މީހާގެ ބަސް ހޯދުމެއް ނެތި އެ މައްސަލަ ނިންމަން ގަސްދު ކުރައްވާ ކަމަށާއި އެހެންވެ ދެން އޮންނާނީ އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން ކަމަށެވެ. އެހެން ކަމުން އެދުވަހުގެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވެގެން އައުމަށް ގާޒީ ވަނީ އަންގަވައިފައެވެ.
އެ ޝަރީއަތް ލަސްވާތީ ދައުވާ ލިބޭ މީހުންގެ ދިފާއީ ވަކީލް ވަނީ އެކަމުގެ ޝަކުވާ މިއަދުގެ ޝަރީއަތުގައި ކޮށްފައެވެ.
ޖަވާބުގައި ގާޒީ ވިދާޅުވީ އެ މައްސަލަ ލަސްތަކެއް ނުވެ ނިންމަވާނެ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި ޚުލާސާ ބަޔާން ހުށަހަޅައި ނިމުމުން ހުކުމް އިއްވާނެ ކަމަށެވެ.
ކުރިން ގާޒީ މުހުތާޒް ފަހުމީ ބައްލަވަމުން ގެންދެވި އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އިބްރާހިމް އަލީ އެވެ.
ލޮރެންޒޯ ޕާކު ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އަހުމަދު އަރުހަމްގެ މަރުގެ ޝަރީއަތުގަ ދެން ބާއްވާނީ ފަހުގެ އަޑުއެހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ