ރާއްޖެއަށް އެކަށީގެން ނުވާ ބޮޑެތި އިންވެސްޓްމަންޓްތަކުން އިގްތިސޯދަށް ނުރައްކާވެދާނެ: ވޯލްޑް ބޭންކް

ރާއްޖެއިން ބޭރު ބޮޑެތި އަދަދުތަކުން ލޯން ނަގައިގެން ކުރިއަށް ގެންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ނުބައި އަސަރުތަކެއް ކުރުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.
ވޯލްޑް ބޭންކުން މިކަން ހާމަކުރީ މިދިޔަ އެ ބޭންކުން އާންމުކޮށްފައިވާ "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް 2016" ރިޕޯޓްގަ އެވެ. މި ރިޕޯޓަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގްތިސޯދުތަކުގެ މައްޗަށް ބަލައިލާ ތައްޔާރުކުރާ ރިޕޯޓެކެވެ.
ވޯލްޑް ބޭންކްގެ ރިޕޯޓްގައި ބުނެފައިވަނީ އަހަރުން އަހަރަށް ރާއްޖެއަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް ހަރަދުތައް އިތުރުވަމުން ދިއުމާ ގުޅިގެންނާ ބޭރުން ލޯން ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ދަރަނި އިތުރުވެ ރާއްޖޭގެ އިގްތިސޯދު ގޯސްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ދަރަނީގެ މައްސަލަ ހައްލުކުރަން ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުގެ ސަބަބުން މައްސަލައަށް ހައްލެއް ނާންނާނެ ކަމަށާއި ދަރަނި އިތުރު ނުވާ ގޮތަށް ކުރެވޭ އިންވެސްޓްމަންޓް ތަކަކަށް ސަރުކާރުން އިސްކަންދޭން ޖެހޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ދަރަނި އިތުރުވަމުން ދިޔަ ނަމަވެސް ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި ސަބްސިޑީޒް ފަދަ ރިކަރަންޓް ހަރަދުތަކަށް ކުރާ ހޭދަ އިތުރުވަމުން ނުދާ ކަމަށްވެސް މި ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
މި ރިޕޯޓްގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ހަރަދުތައް މިހާރު ހުރި ގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ޖީޑީޕީގެ 20 އިންސައްތައަށް އިތުުރުވެ، 2020 ވަނަ އަހަރު އެ އަދަދު 120 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލާއިރު ގައުމެއްގެ ދަރަނި ނާޒުކު ފައްތަރަކަށް ދިއުން ކަމުގައިވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާއާއި ގުޅޭގޮތުން މި ރިޕޯޓްގައި ބުނެފައިވަނީ ޓޫރިޒަމް ފިޔަވާ ރާއްޖޭގައި ޕްރައިވެޓް ސެކްޓާގައި އިންވެސްޓް ކުރާނެ އިތުރު ސިނާއަތްތަކެއް ނެތް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން ޓޫރިޒަމް ދާއިރާއަށް އެކަމުން އަސަރުތަކެއް ކުރާނެ ކަމަށާ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރާނޭ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތަކަށް މިއަހަރު މާބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭތީ ރާއްޖޭގައި ތަކެތީގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށާއި ނަމަވެސް ދިވެހި ދައުލަތުގައި ބޭނުން ކުރެވޭގޮތަށް ހުންނަ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްގެ އަދަދު އިތުރުވެގެން ނުދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ވޯލްޑް ބޭންކުން ބުނެ އެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ޒުވާނުންގެ އަދަދު އިތުރުވަމުންދާ ކަން ފާހަގަކޮށް މި ރިޕޯޓްގައި ބުނެފައިވަނީ މިހާރު ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކަށް ބަލާއިރު ރާއްޖޭގެ އިގްތިސާދު ތަރައްގީވެ ކުރިއެރުން ލިބޭނީ އިމާރާތް ކުރުމުގެ ދާއިރާގައި ކުރެވެމުންދާ މަސައްކަތްތަކުން ލިބޭ ކުރިއެރުންތަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ