ރަޝިޔާއިން އެގައުމުގެ އާންމުންނަށް ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.
ރަޝިޔާ ސަރުކާރުގެ ފަންޑަކުން ޚަރަދުކޮށްގެން ކޮވިޑް ވެކްސިނެއް ތަރައްގީކޮށްފައިވަނީ އެގައުމުގައި ބޭހާއި ވެކްސިން އުފައްދާ ގަމާލިޔާ ރިސާޗް އިންސްޓިއުޓުންނެވެ.
އެ އިންސްޓިޓިއުޓުން ތަރައްގީކުރި ވެކްސިނަށް ދީފައިވާ ނަމަކީ "ސްޕުޓްނިކް5" އެވެ.
މިއީ، ކޮވިޑަށް ވެކްސިނެއް އުފައްދައި، އެ ވެކްސިން އިންސާނުން ބޭނުންކޮށްގެން ޓެސްޓްކުރުމަށް ދުނިޔޭގެ ގައުމެއްގެ ސަރުކާރުން ހުއްދިދިން ފުރަތަމަ ވެކްސިންވެސް މެއެވެ.
ރަޝިޔާއިން ބުނެފައިވަނީ، އިންސާނުން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ވަގުތީ ކްލިނިކަލް ޓްރައިލްސްތަކުގެ ނަތީޖާއިން، ސްޕުޓްނިކް5 ވެކްސިންއަކީ ކޮވިޑްބަލިން އިންސާނުން ރައްކާތެރިކުރުމަށް %92 އިފެކްޓިވް ވެކްސިނެއްކަން ދައްކާފައިވާ ކަމަށެވެ.
އަޖުމަބެލުމުގެ ގޮތުން ވެކްސިން ދެވުނު އެއްވެސް މީހެއްގެ ކިބައިން ސީރިއަސް މައްސަލަތަކެއް ނުފެންނަ ކަމަށްވެސް ބުނެފައި ވެއެވެ.
ރަޝިޔާއިން މިހާރުވަނީ، ވެރިރަށް މޮސްކޯގެ ދެކުނުގައި ހުންނަ ސެންޓްރަލް ސިޓީ ހޮސްޕިޓަލަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ބެޗް ފޯރުކޮށް ދީފައެވެ.
އެ ހޮސްޕިޓަލުން ބުނެފައިވަނީ، މިދިޔަ ހަފްތާއިން ފެށިގެން ވެކްސިން ޖަހަން ބޭނުންވާ އާންމުންނަށް ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.
ހޮސްޕިޓަލުގެ ވެބްސައިޓްގައި ބުނެފައިވަނީ، ވެކްސިން ޖަހަން ބޭނުންވާ އާންމުން ފުރަތަމަ ރަޖިސްޓަރީވާން ޖެހެނީ، އެކަމަށް ސަރުކާރުން ހަދާފައިވާ ވެބްސައިޓްގައި ކަމަށެވެ. ވެކްސިން ޖަހަން އަންނަން ޖެހެނީ ކޮވިޑް ޓެސްޓުގެ ނެގަޓިވް ނަތީޖާއާއި އައިޑީ ކާޑު ހިފައިގެންނެވެ.
ރަޝިޔާ ސަރުކާރުން ކުރިންވެސް ބުނެފައިވަނީ، މިއަހަރުގެ ތެރޭގައި އެގައުމުގެ އާންމުންނަށް ވެކްސިންދޭން ފަށާނެ ކަމަށެވެ.
ވެކްސިން އުފެއްދި ކުންފުނިން ބުނެފައިވަނީ، ރަޝިޔާގެ ރައްޔިތުންނަށް ވެކްސިންދޭނީ މުޅިން ހިލޭ ކަމަށެވެ.
ކޮވިޑް ކޮންމެ ބަލިމީހަކަށް މަދުވެގެން 2 ޑޯޒް ދޭންޖެހޭއިރު، ރަޝިޔާއިން ބުނެފައިވަނީ ބޭރު ގައުމުތަކަށް ވިއްކާ އަގު 20 އެމެރިކާ ޑޮލަރަށްވުރެ ބޮޑެއް ނުވާނެ ކަމަށެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރުވެސްވަނީ ރަޝިޔާގެ ކޮވިޑް ވެކްސިން ގަތުމަށް ރިޒާވްކޮށްފައެވެ.
ރަޝިޔާއިން ތަރައްގީކޮށްފައިވާ ކޮވިޑްވެކްސިން "ސްޕުޓްނިކް5" ވެކްސިން އެގައުމުގައި ބޭނުންކުރަން މިފެށީ، ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ ރޭސް ހުޅަނގުގައި ވަރަށް ވާދަވެރިވެފައި ވަނިކޮށެވެ.
އެމެރިކާގެ ފައިޒާރ، މޮޑަނާ އަދި އިނގިރޭސިވިލާތުގެ އެސްޓްރަޒެނެކާއިންވެސް ކޮވިޑަށް ވެކްސިނެއް ތަރައްގީކޮށް، އެންމެފަހުގެ އަޖުމަބެލުންތަކުން ކާމިޔާބު ކަމަށް ދައްކާފައި ވާއިރު، ވެކްސިން ބޭނުންކުރަން ފެށުމުގެ ހުއްދައަށްވެސް އެ ކުންފުނިތަކުން މިހާރުވަނީ އެދިފައެވެ.
ރައްކާތެރި އަދި ފުރިހަމަ ވެކްސިނެއް އުފައްދަން އާންމު ގޮތެއްގައި 12 މަސްދުވަހާއި 18 މަސްދުވަހާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވާއިރު، ކުންފުނިތަކުން އަވަސް އަރުވާލައިގެން ވެކްސިނެއް ހޯދުމަށް މަސައްކަތް ފެށީ މުޅި ދުނިޔެ ތަހައްމަލް ކުރަމުންދާ ކޮވިޑް ބަލިން ވިހާވެސް އަވަހަކަށް ސަލާމަތްވުމަށެވެ.
އެހެން ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ، މިއީ ވަރަށް ފަރުވާތެރިވާންޖެހޭ ކަމެއް ކަމަށެވެ. ކޮވިޑަށް އުފައްދާ ވެކްސިނެއްގެ ރައްކާތެރިކަން ވަރަށް ބޮޑަށް ކަށަވަރު ކުރަންޖެހޭ ކަމަށެވެ.
ރަޝިޔާއިން އެގައުމުގެ އާންމުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ