ޝަރުއީ ނިޒާމުން ސިޔާސީ ނުފޫޒު ނައްތާލަން އެމްޑީޕީން ބޭނުމެއް ނުވޭ: އާދަމް ޝަރީފް އުމަރު

ޖުޑީޝަލް ސާރވިސް ކޮމިޝަން އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ ބިލަށް އެމްޑީޕީން ވޯޓު ނުދިނުމުން އެޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފާޑުވިދާޅުވެއްޖެއެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމަށް، ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އާއި 161 ވަނަ މާއްދާ އާއި 162 ވަނަ މާއްދާ އަދި 165 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެ ބިލު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
މި ބިލު ދިރާސާ ކުރުމަށް ފޮނުވުމަށް ނުފެންނަ ކަމަށް 50 މެންބަރުން ވޯޓުދެއްވިއިރު ފެންނަކަމަށް ވޯޓުދެއްވީ އެންމެ 13 މެންބަރުންނެވެ.
މިކަމާއި ގުޅިގެން މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބިލާއި މެދު ބަހުސްކުރުމަށް އެމްޑީޕީން ބޭނުން ނުވުމުން އަންގައިދެނީ ޝަރުއީ ނިޒާމުން ސިޔާސީ ނުފޫޒު ނައްތާލުމަށް އެޕާޓީން ދެކޮޅު ހަދަމުންދާކަން ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދާއި ދެކޮޅުކަމެއްގެ ގޮތުގައިވެސް އެބޭފުޅާ ވަނީ ފާހަގަކުރައްވާފައެވެ.
ސިޔާސީ މީހުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ނުތިބެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ މަޖިލީހުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީން ވާހަކަ ދައްކާފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ