މިޔަރު އުރަހަ ބޭރުކުރަން އުޅުނު މީހުން ހޯދާ ފިޔަވަޅު އަޅަން ގޮވާލައިފި
ލޮނުމަހުގެ ތެރޭގައި ފޮރުވައިގެން، ވައިގެ މަގުން ގިނަ އަދަދެއްގެ މިޔަރު އުރަހަ ރާއްޖޭއިން ބޭރުކުރަން އުޅުނު މައްސަލަ ތަހުގީގުކޮށް، ޝާމިލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް ގޮވާލައިފި އެވެ. ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގަތީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް 21 ފޮށީ ތެރެއިން 429 ކިލޯގެ މިޔަރު އުރަހަ ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ އުރަހަތައް އަޅާފައި ހުރީ އެންޒީގެ ފޮށިގަނޑުތަކެއްގަ އެވެ. ނަމަވެސް އެއީ އެންޒީއިން ބޭރުކުރަން އުޅުނު ތަކެތި ނޫންކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ. އެ މައްސަލައިގައި މިއަދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ އެ މައްސަލަ ތަހުގީގުކޮށް، މިޔަރު ހިފައި، ގާނޫނާ ހިލާފަށް އެތަކެތި އެކްސްޕޯޓު ކުރާ ފަރާތްތައް ހޯދަން ގޮވާލާ ކަމަށެވެ. އަދި އެކަމުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅައި، ކުރިއަށް އޮތް ތަނުގައި ތިމާވެއްޓާ ގުޅުންހުރި ކުށްތައް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށް ފިޔަވަޅުތައް އަޅަން ވެސް ވަނީ ގޮވާލައިފަ އެވެ. ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް ވަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ