މަޖިލީހުގެ އާދައުރު ފެށުމުގެ ކުރިން އިތުރު މެމްބަރުން ޕީޕީއެމްއާއި ގުޅޭނެ – އުމަރު

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރު ފެށުމުގެ ކުރިން ޕީޕީއެމްއާއި އިތުރު މެމްބަރުން ގުޅޭނެކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ދިޓީވީއަށް މައުލޫމާތުދެއްވަމުން އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްއަށް މަޖިލީހުގައި ތަމްސީލްކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބުނު ހިސާބުން ފެށިގެން މަޖިލީހުގައި ހިމެނޭ ގިނަ މެންބަރުންތަކެއް އެޕާޓީއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކުރުމަށްދާކަމަށެވެ.
އޭގެތެރޭގައި އިދިކޮޅު އެމްޑީޕީގެ ބައެއް ޕާލިމަންޓް މެންބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޑީއާރުޕީގެ ޕާލިމަންޓް މެންބަރުންނާއި، މިނިވަން މެންބަރުން ހިމެނޭކަމަށް އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގެ އާދައުރު ފެށުމުގެ ކުރިން އިތުރު މެންބަރުންތަކެއް އެޕާޓީއާއި ގުޅި މަޖިލީހުގައި އެޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެގެން ދާނެކަމަށެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ސޮއިކުރި ކުރީގެ އެމްޑީޕީގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގް މުފީދް (ހިސްޓޯ) އާއިއެކު އެޕާޓީގެ މެންބަރުންގެ އަދަދުވަނީ 18 އަށް އަރާފައެވެ.
ޕީޕީއެމްއަށް މަޖިލީހުގައި ގާނޫނީ ހައިސިއްޔަތު ލިބިފައިވަނީ ތިމަރަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމްގެ ކެނޑިޑޭޓް އަހުމަދު ޝަރީފް ކާމިޔާބްކުރުމާއި ގުޅިގެންނެވެ.
އަދި މި ގޮނޑި ކާމިޔާބުކުރުމާއެކު އެ ޕާޓީއަށް މަޖިލީހުގައި މައިނޯރިޓީ ޕާޓީއަކަށްވެ، މައިނޯރިޓީ ލީޑަރަކަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުއްﷲ ޔާމިން ވަނީ ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ