ޑިމޮކްރަސީގެ ހަމަތަކުގެ މަތިން އެންމެ ފުރިހަމައަށް މިރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީއަކީ ޖުމްހޫރީ ޕާޓީކަމަށާއި ޑިމޮކްރަސީއެއްގެ ފުރިހަމަ ނަމޫނާ ދައްކުވައިދެމުން ގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގަލޮޅުގެ ގިނަ އަދަދެއްގެ ބަޔަކާއި އއ. ފެރިދޫ އިން 60 މީހުންގެ އިތުރުން ހދ. ކުޅުދުއްފުށިން 150 މީހުންގެ ފޯމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަށް ހަވާލުކުރުމަށް ރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ޕާޓީ ހިންގެވުމުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ޑިމޮކްރެޓިކް އުޞޫލުތަކުގެ މަތިން ކަންކަން ކުރުމަށް ކަމަށާއި ޑިމޮކްރެޓިކް އުޞޫލުތަކުން ކަންކަން ކުރުމުގައި ޤައުމަށް ފުރިހަމަ ނަމޫނާއެއް ޖުމްހޫރީ ޕާޓީން ދައްކާނެ ކަމަށެވެ.
"ޑިމޮކްރަސީއެއްގެ ފުރިހަމަ ނަމޫނާ އިރާދުކުރެއްވިއްޔާ ރައްޔިތުންނަށް ދައްކުވައިދޭނަން. ރައްޔިތުންގެ ކުރިއެރުމާއި އިގްތިސޯދީ ހަރުދަނާކަމާއި އަދި ރައްޔިތުންގެ ހާލަތުތަކަށް އެހީތެރިވެދޭނެ ގޮތާ މިހުރިހާ އެއްޗެއް ވެސް އެނގޭ." ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ހިންގާ ޕާޓީއެއް ކަމުގެ ހެކިދައްކަވަމުން ގާސިމް ވިދާޅުވީ މީގެކުރިން އެމްޑީޕީ އާއި ގުޅުނު ފަރާތްތައް އެޕާޓީ އާއި ގުޅުނީ ޑިމޮކްރެޓިކް އުޞޫލުތަކާއެއްގޮތަށް ކަންކަން ކުރުމަށާއި ރައްޔިތުންނަށް ފައިދާވާނެ ކަންތައްތަކެއްވުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ.
ނަމަވެސް އެމްޑީޕީގެ އެންމެ އިސްމަޤާމުތަކަށް މެންބަރުން އިންތިޚާބުކުރި ހުރިހައި މެންބަރުން މިއަދު ޖުމްހޫޜީ ޕާޓީ އާއި ގުޅިގެން ތިބިކަން އެއީ އެކަމުގެ ހެއްކެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީއާއި މިހާރު ގުޅިވަޑައިގެން ހުންނެވި އަދި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޑރ. އިބްރާހީމް ދީދީ (ޑީޑީ) ވިދާޅުވީ ޖުމްހޫޜީ ޕާޓީ އާއި ގިނައަދަދެއްގެ މެންބަރުން ގުޅެމުން މިއަންނަނީ ޕާޓީގެ ލީޑަރުގެ ތޫނު ވިސްނުންފުޅާއި ޕާޓީގެ މެންބަރުންނާއިމެދު ބަހައްޓަވަމުން ގެންދަވާ އޯގާތެރިކަމުން ކަމަށެވެ.
"ކުރިމަގުގައި މިޕާޓީ އަކީ އެންމެ ބޮޑު، އެންމެ ގިނަ އަދަދެއްގެ ރައޔިތުންގެ ރުހުމާއި ލޯބި ލިބިގެންވާ ޕާޓީއަށް ވެގެންދާނެ. ޖުމްހޫޜީ ޕާޓީގެ އިމޭޖް މުޅިން ބަދަލުވެ ހުރިހައިކަމެއް ރިފޯމްވެގެން އަންނަ މަންޒަރު މިއަދު މިފެންނަނީ.” ޑރ. ޑީޑީ ވިދާޅުވި އެވެ.
ޑިމޮކްރަސީގެ ހަމަތަކުން ހިންގާ ޕާޓީއަކީ ޖުމްހޫރީ ޕާޓީ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ