ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އެއް މަސް ދުވަހަށް ފަސްކުރަން

ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ހޯދުމުގެ ގޮތުން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ ދެވަނަ ބުރުގެ ވޯޓުލުން ހަތަރު ހަފުތާގެ މުއްދަތަށް ނުވަތަ އެއް މަސް ދުވަހަށް ފަސްކުރަން ކަން "ހަވީރަ"ށް ކަށަވަރުވެއްޖެ އެވެ.
"ހަވީރަ"ށް ލިބިފައިވާ ދައުވާ ފޯމުގެ ކޮޕީގައިވާ ގޮތުން ޕީޕީއެމުން އެދުނީ މި މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބާތިލުކުރުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ފައިސަލާކުރަނިވި ހުކުމެއް ކުރުމުގެ ކުރިން އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަސްކުރުމަށާއި އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމަށްޓަކައި ހަތަރު ހަފުތާގެ މުއްދަތެއް ލިބޭނެ އިންތިޒާމެއް ހަމަޖެހޭނެކަން ކަށަވަރު ކޮށްދިނުމަށެވެ. ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލާގައި ޕީޕީއެމް ވަނީ ތަދައްޚުލް ވެފަ އެވެ.
އިންތިޚާބުގެ ސައްހަކަށް ގާއިމުކުރުމަށްޓަކައި ވޯޓު ކަރުދާސް ޗާޕްކުރާ މަރުހަލާގަ އާއި އެއްތަނުން އަނެއް ތަނަށް އުފުލުމުގަ އާއި ވޯޓުލައި ނިމިގެން އަނބުރާ އިލެކްޝަންސް ކޮމިޝަނަށް ގެންނަ މަރުހަލާގައި އޮޅުވާލުމެއް އަދި މަކަރާއި ހިލާތެއް ނެތްކަން ކަށަވަރުވާ މިންވަރަށް އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅި މައްސަލާގައި އެދިފައިވެ އެވެ.
މާދަމާ މެންދުރު 2:00ގައި ފުރަތަމަ އަޑުއެހުން ޝެޑިއުލްކޮށްފައިވާ ޝަރީއަތުގެ ދައުވާ ފޯމުގައިވާ ގޮތުން ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ވޯޓު ލިސްޓަކީ ސައްހަ އެއްޗެއްކަން ކަށަވަރުކުރުމަށްޓަކައި އެ ލިސްޓްތައް ކެންޑިޑޭޓުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމާއި ކެންޑިޑޭޓުންގެ ސޮޔާއި އިނގިލީގެ ނިޝާން ޖެހުމާއި އަދި ވޯޓު ފޮށިތައް ކައިރީގައި އެ ލިސްޓް ނޫން އެހެން ލިސްޓެއް ނުގެންގުޅުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގައިދިނުމަށް ޕީޕީއެމުން ވަނީ އެދިފަ އެވެ.
ދައުވާ ފޯމުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުރިން ޕީޕީއެމުން ކުރި ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ކުރި ހުކުމަށް އެއްވެސް ވަރަކަށް އިލެކްޝަންސް ކޮމިޝަނުން އިޖާބަ ދީފައި ނުވާ ކަމަށެވެ. އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފަށް އަދި އިންތިޚާބުގައި އޮޅުވާލުމަށް މަގުފަހިވާ ގޮތަށް ކަމަށް ވެސް ދައުވާ ފޯމުގައިވެ އެވެ.
"އެ ގޮތަށް އަމުލުކޮށްފައި ވަނީ ގަސްތުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ގަބޫލުކުރެވޭ މިންވަރަށް އިންތިހާބުގެ ފުރަތަމަ ބުރުގައި ކަންތައް ހިނގާފައިވާ ގޮތަށް ބެލުމުން އެނގޭ،" ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޕީޕީއެމުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދިއިރު ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް މިހާރު ނިމުމަކާ ހަމައަށް ވަނީ އައިސްފަ އެވެ. އެ މައްސަލަ ނިމުމުގެ ކުރިން އިންތިހާބު ނުބޭއްވުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ