ގައިންގަޔަށް އަރާ ބަލި ހުރިތޯ ކައިވެނީގެ ކުރިން ޓެސްޓުކުރުމަށް ފެމިލީ ކޯޓުން އެދެފި

ގައިންގަޔަށް އަރާ ބަލިތައް ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވާ ކަމަށާއި އެހެންވެ ކޮންމެ މީހަކު ވެސް އެފަދަ ބައްޔެއް ހުރިތޯ ކައިވެނީގެ ކުރިން ޓެސްޓްކުރުމަށް ފެމިލީ ކޯޓުން އެދެފި އެވެ.
ފެމިލީ ކޯޓުގެ ކައިވެނީގެ ރެޖިސްޓްރާ އަހްމަދު އަބްދުﷲ ވިދާޅުވީ ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ގޮތުން، ކައިވެނީގެ ކުރިން މަޝްވަރާކުރާ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ކޯޓުން މިހާރު ވަނީ މި މައްސަލަ ސަމާލުކަމަށް ގެނައުމުގެ ގޮތުން އިއުލާނެއް ވެސް ނެރެފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ގައިންގަޔަށް އަރާ ބަލިތައް އިތުރުވެ، އެ ބަލިތައް ހިފެހެއްޓުމެއް ނެތި އާންމުވެ ފެތުރިގެން ދިއުމުގެ ބިރު އެބަ އޮތް ކަމަށާއި އެހެންވެ އެފަދަ އެއްވެސް ބައްޔެއް ހުރިތޯ ސިއްހީ ގޮތުން ޓެސްޓްކުރުމަށް ކޯޓުން ހިތްވަރުދޭ ކަމަށެވެ.
ރެޖިސްޓްރާ ވިދާޅުވީ ކައިވެނިކުރާއިރު އެއްވެސް މީހެއްގެ ގައިގައި ބައްޔެއް ހުރި ނަމަ އެކަން އެނގިފައި އޮތުން މުހިންމު ކަމަށާއި ކައިވެނީގެ ފަހުން އެކަން އެނގޭއިރު އޮންނަނީ ވަކިނުވެވޭ ހިސާބަށް ގޮސްފައި ކަމަށާއި ދެ މީހުންނަށް ވެސް ބަލި ޖެހިފައި ކަމަށެވެ.
"ބައްޔެއް ހުއްޓަސް ކައިވެނި ނުކޮށްދީ އަޅުގަނޑުމެންނަކަށް ނުހިފެހެއްޓޭނެ. އެކަމަކު އެފަދަ މައްސަލައެއް ހުރިއްޔާ އަޅުގަނޑުމެން ވިސްނައިދެން،" އަހްމަދު އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައްޔެއް ހުރިކަން ގިނަ ފަހަރަށް އެނގެނީ ވެސް ކައިވެންޏަށް ހުރިހާ ކަމެއް ތައްޔާރުކޮށް ނިމޭ ހިސާބުން ކަމަށާއި އެ ހިސާބުން ދެ މީހުން ދުރުވާން ގިނަ ފަހަރަށް ބޭނުން ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބަލި ޖެހިފައި ހުންނަކަން ކައިވެނީގެ ފަހުން އެނގިގެން ވަރިއާ ހިސާބަށް ދާ މައްސަލަތައް ބޮޑަށް ފާހަގަނުވި ކަމުގައި ވިޔަސް ކައިވެނީގެ ކުރިން އެފަދަ ކަންކަމާ މަޝްވަރާ އަށް އަންނަ މީހުން މިހާރު ގިނަ ކަމަށެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2010 ވަނަ އަހަރު ރާއްޖޭގައި 6،136 ކައިވެނިކޮށްފައި ވާއިރު 2،795 ވަރިކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު 6،015 ކައިވެނިކުރިއިރު 3،016 ވަރިކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ