މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ދަށު ކޯޓުން ދޫކޮށްލުމުން ހައި ކޯޓުން އެ ނިންމުން ބާތިލްކޮށް އޭނާ ބަންދުކޮށްފައި ބަހައްޓަން މިއަދު އަމުރުކޮށްފި އެވެ.
ދަށު ކޯޓުން ދޫކޮށްލުމުން ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފައިވަނީ ގއ.ވިލިގިލީ ޒާވިއާ މުހައްމަދު ލުބާން އަދުނާން ރަޝާދު އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހ.ފިނިވާގޭ ދެ ވަނަ ބުރިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އެ މައްސަލައިގައި އޭނާ ބަންދުކޮށްފައި ބެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުމުން އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާ ކަމަށް ބުނެ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އިއްވި ހުކުމުގައި ބުނަނީ ލުބާންގެ މައްޗަށް ތުހުމަތު ކުރެވޭ މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށަކީ ނުރައްކާތެރިކަން ބޮޑު ކުށެއް ކަމަށް ވާއިރު އެފަދަ ތުހުމަތެއްގައިވާ މީހަކު މުޖުތަމައަށް ދޫކޮށްލުމަކީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ މީހަކު ޝަރުތަކާއެކު ނަމަވެސް މުޖްތަމައަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެހެންވެ، ލުބާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށް މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތަށް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރީ ހައި ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު ކުރެވޭ މީހަކު ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ