ކޮންރެޑް ރިސޯޓުން ކަނޑާލި މުވައްޒަފުންނަށް ވަޒީފާ ދޭން ނުޖެހޭ ކަމަށް ހައި ކޯޓުން ކޯޓުން ހުކުމް ކޮށްފި

މަރާމާތަށް ރިސޯޓުގެ ބައެއް ތަންތަން ބަންދުކުރުމާއި ލޯ ސީޒަނުގައި ބައެއް ވަޒީފާތައް އުނިކުރަން ކަމަށް ބުނެ ރިޑަންޑެންސީ ޕެކޭޖްގެ ދަށުން ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓުން ވަޒީފާއިން ވަކި ކުރި މުވައްޒަފުންނަށް އަނބުރާ ވަޒީފާ ދޭން ނުޖެހޭނެ ކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ރިސޯޓުގެ 22 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 2011 ގައި ހުށަހެޅުމުން އެ މީހުންނަށް އަނބުރާ ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ. އެކަމަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން މިއަދު އެ ކޯޓުން ނެރުނު ހުކުމުގައި ބުނީ އެމުވައްޒަފުންނަށް އަނބުރާ ވަޒީފާ ދޭން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށާއި އަނބުރާ ވަޒީފާ ދޭން ނުޖެހޭނެ ކަމަށެވެ.
ކޮންރެޑްގެ ވަކީލު މުހައްމަދު ޝަހުދީ ވިދާޅުވީ ވަޒީފާއިން ވަކި ކުރި މުވައްޒަފުންނަށް އެކަށީގެންވާވަރުގެ އިނާޔަތެއް ދިން ކަމަށާއި އެކަމަކު އެއީ އެންމެ ރަނގަޅު މިންވަރުތޯ ކަނޑައަޅާނީ ޓްރައިބިއުނަލުން ކަމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.
"ކޯޓުން ބުނެފައިވަނީ ރިޑަންޑެންސީ ހާލަތުގައި ވަކި ކުރާ މުވައްޒަފުންނަށް އިނާޔަތެއް ދޭން ޖެހޭނެ ކަމަށް. އަޅުގަނޑުމެން އެ އިނާޔަތް ވާނީ ދީފައި،" ޝަހުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި އެ މީހުން ވަޒީފާ އަދާ ކުރި މިންވަރަށް ބަލައި ހަތަރު މަހާއި ހަ މަހުގެ އިނާޔަތް ވަނީ ދީފަ އެވެ.
ކޮންރެޑުން މީހުން ވަކިކޮށްފައިވަނީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރާ ދެކޮޅަށް ރިސޯޓުގެ މުވައްޒަފުން ހަޅުތާލުކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އެވެ. ވަޒީފާއިން ވަކި ކުރި މީހުން ވަނީ އެ މައްސަލައިގައި ރައީސް އޮފީސް ދޮށަށް ވެސް އެއްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ