ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގައި ވެސް އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަތީ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ކަމަށް ހާޒިރީ ރިޕޯޓުން ދައްކައިފި އެވެ.
މަޖިލީހުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ހާޒިރީ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު 13 އިން ޑިސެމްބަރު 25 އަށް ބޭއްވި 29 ޖަލްސާގެ ތެރެއިން، ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓްނަރު އެމްޑީއޭގެ ލީޑަރު ސިޔާމް ވަޑައިގަތީ އެންމެ 10 ޖަލްސާ އަށެވެ. އެއްވެސް ސަބަބެއް ނާންގަވައި ސިޔާމް 17 ޖަލްސާ އަކަށް ވަޑައިނުގަންނަވާއިރު، ދެ ޖަލްސާގައި އޭނާ ހުންނެވީ ޗުއްޓީގަ އެވެ.
އުވިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަތީ ސިޔާމެވެ.
މި އަހަރުގެ ތިން ވަނަ ދައުރުގައި 15 ޖަލްސާ އަށް ވަޑައިގެން ހާޒިރީ ފުލުން ދެވަނާގައި އުޅުއްވަނީ ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދެވެ. ހާޒިރީގެ ފުލުން ތިން ވަނައިގައި އުޅުއްވަނީ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ނާޒިމާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމެވެ. އެ ދެ ބޭފުޅުން ވެސް ވަޑައިގަތީ 16 ޖަލްސާ އަށެވެ.
މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ތިން ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ 22 މެމްބަރެކެވެ.
މަޖިލީހުގެ ރައީސް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހުގެ އިތުރުން ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ މެޖޯރިޓީ ލީޑަރު ވިލިމާލޭ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ނިހާނާއި ދިއްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުއްލަތީފު މުހައްމަދާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމާއި ނޮޅިވަރަމް ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން އަރީފާއި މަނަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އުމަރު ހުސައިން އާއި ހޮޅޮދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދާއި އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އާއި އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު އަލީ އާއި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމާއި ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ރިޒާ އާއި ތޮއްޑޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިބްރާހިމް ހަސަނާއި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ތޯރިގާއި ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރާއި ބިލެތްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަހްމަދު މުބީނާއި މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހަމަދު އަޒްހާނާއި ވިލިނގިލީ ޕީޕީއެމްގެ މެމްބަރު ސައުދު ހުސައިނާއި ގެމަނަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާނާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޕީޕީއެމްގެ ސައުދުﷲ ހިލްމީ އާއި ގައްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ރަޝީދު އަދި ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ އެވެ.
ތިން ވަނަ ދައުރުގައި ވެސް ހާޒިރީގެ ފުލަށް މީދޫ މެމްބަރު ސިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ