ކުރީގެ މެމްބަރު އަހުމަދު އީސާ ބަންދުން ދޫކޮށްލައިފި

މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާ ރޫޅާލައި ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭނާ ބަންދުން ދޫކޮށްލީ، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވުމުންނެވެ. އޭނާ ފުލުހުންގެ ކިބައިން ފުރަތަމަ އެދިވަަޑައިގަތީ ބަންދުން ދޫކޮށްދިނުމަށެވެ. އެކަމަކު އެކަމަކު ފުލުހުން އެދުނީ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމަށެވެ. "ޑޮކްޓަރުގެ ލިޔުމެއް އޭނާ ހުށަހެޅުމާ ގުޅިގެން މިހާރު ވަނީ ބަންދުން ދޫކޮށްލާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މިހާރު ވެސް އޭޑީކޭ ހޮސްޕިޓަލްގައި އަހުމަދު އީސާ ގެންދަވަނީ މައިބަދަ އަށް ފަރުވާ ހޯއްދަވަމުންނެވެ. އެކަމަކު އެކަމާ ގުޅޭ ތަފުސީލެއް އަދި ނުލިބެ އެވެ.އަދާލަތު ޕާޓީން އިސް ނަގައިގެން މި މަހުގެ 1 ގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި އަހުމަދު އީސާ ހައްޔަރުކޮށް ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ