ކޮންމެ އަތޮޅަކު ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތައް ގާއިމުކުރާނަން: ގާސިމް

ގައުމު ތަރައްގީ ވެވޭނީ ތައުލީމީ ޒުވާނުން އުފައްދައިގެން ކަމަށާއި ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރާއްޖޭގެ ކޮންމެ އަތޮޅަކު ގައުމީ ޔުނިވާސިޓީގެ ފެކަލްޓީތައް ގާއިމުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ގދ. ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ އޭނާ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ ތިނަދޫގައި ހުރި ގައުމީ ޔުނިވާސިޓީގެ ކެމްޕަސް ވެސް އިތުރަށް ތަރައްގީކުރާނެ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިނުގަތަސް ތިނަދޫގައި އޭނާގެ ވިލާ ކޮލެޖްގެ ކެމްޕަހެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އެކަން މި ރަށުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑު ކޮށްދޭނަން،" އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ތިނަދޫ ހޮސްޕިޓަލް ވެސް އައިޖީއެމްއެޗާ އެއް ފެންވަރަށް ތަރައްގީކޮށްދެއްވާނެ ކަމަށާއި އެ ރަށުގައި އިންޑޯ ސްޕޯޓްސް ސެންޓަރަކާއި އާޓިފިޝަލް ބީޗެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ހުވަދު އަތޮޅުގައި އިތުރު ރިސޯޓްތައް ހުޅުވައި ކާޑެއްދޫ އެއާޕޯޓް ބޮޑުކޮށް އިންޓަނޭޝަނަލް އެއާޕޯޓްތަކަށް ހައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ރިސޯޓްތަކާއި ސިޓީ ހޮޓާތައް ތަރައްގީކުރަން ފެށުމުން އިމާރާތްކުރުމަށް ބޭނުންވާ ސާމާނާއި އެހެން ތަކެއްޗާއި ވަސީލަތްތަކަށް ބޭނުންވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވެ ހުވަދު އަތޮޅުގައި ވިލާގެ ގޭހާއި ސިމެންތި ފެކްޓްރީގެ ބައެއް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އަތޮޅުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބާރުލުމާ އެކީގައި މާތް ﷲގެ ވާގިފުޅާ އެކު ނަގައި ކުނބުކުރީގައި ޖައްސާލާނަން ރިޔާ،" ގާސިމް ވިދާޅުވި އެވެ.
ހުވަދު އަތޮޅުގައި ފެރީގެ ނިޒާމު މިހާރު ހުއްޓިފައިވާއިރު، ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފެރީގެ ނިޒާމު ނުހިއްޓި ހިންގޭނެ ގޮތަށް ކަންކަން ރާވާނެ ކަމަށާއި ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރާނީ ކައުންސިލްތަކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ފެރީތައް ހިންގުމަށް ސަބްސިޑީ ލިބޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކައުންސިލްތައް މިހާރަށް ވުރެ ބާރުވެރިކުރުވާނެ ކަމަށާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ