ހުކުމް ނުލިބުނު ނަމަވެސް ހާމިދުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

ކޯޓަށް ހާޒިރުނުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ ކޮޕީ ނުލިބުނު ނަމަވެސް އެ މައްސަލަ ހައި ކޯޓުން މިއަދު ބަލައިގެންފި އެވެ.
ކޯޓަށް ހާޒިރުވުމަށް ދެ ފަހަރު ޗިޓް ފޮނުވުމުން ވެސް ހާޒިރުނުވި މައްސަލައިގައި ހާމިދު ހަ މަހަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފް ކުރުމަށްޓަކައި އެ ހުކުމުގެ ކޮޕީއެއް ދިނުމަށް ކްރިމިނަލް ކޯޓުގައި އެދުމުން ކޮޕީ ނުލިބޭނެ ކަމަށް އެ ކޯޓުން އަންގާފައިވާ ކަމަށް ހާމިދު ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި ކޮޕީ ނެތުމުން އެ ހުކުމް އިސްތިއުނާފްކުރަން ހުށަހެޅި މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ކުރިން ބުނެފައިވާ ކަމަށް ވެސް ހާމިދު އޭރު ވިދާޅުވެފައިވެ އެވެ.
ހާމިދުގެ ވަކީލް އަދި އޭނާގެ އެއްބަނޑު ކޮއްކޮ ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލަ ބަލައިގަތުމަށް ނިންމައި، އެކަން ހައި ކޯޓުން މިއަދު އަންގާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމިއިރު ކްރިމިނަލް ކޯޓުން ހުކުމުގެ ކޮޕީ ނުދިންކަން ހައި ކޯޓަށް ސިޓީއަކުން ކުރިން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލައަކީ ހާމިދު ޖަލަށްލުމަށް ހުކުމްކުރުމަށް ވުރެ ބޮޑަށް މަޖިލީހުގެ އިމްތިޔާޒަށް ކްރިމިނަލް ކޯޓުން އަރައިގެންފައިވާ މައްސަލައެއް ކަމަށާއި އެކަން ފާހަގަކޮށްފައިވާނެ ކަމަށް ވެސް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވި އެވެ.
ހާމިދުގެ މައްޗަށް އެ ހުކުމްކުރީ އޭނާގެ މައްޗަށް ދައުލަތުން އުފުލާ ކުޑަކަމުދާތަކެތި ނުދިނުމުގެ ދައުވާގެ ޝަރީއަތަށް ހާޒިރުނުވި މައްސަލައިގަ އެވެ. އެ ދައުވާކުރަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ދޭން އެންގުމުން ނުދިން ކަމަށް ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން އިތުރު ދެ ދައުވާއެއް ކުރެއެވެ. އެއި ބަނގުރާ ގެންގުޅުމުގެ ދައުވާއަކާއި ކެނަބިހުން މުއާމަލާތު ކުރުމުގެ ދައުވާއެކެވެ. އޭގެ ތެރެއިން ބަނގުރާ ގެންގުޅުމުގެ ދައުވާގެ ޝަރީއަތަށް ވަކި ސަބަބެއް ނެތި ހާމިދު ހާޒިރުނުވާތީ އެކަން ތަކުރާރުވާނަމަ އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވެސް ވަނީ ވިދާޅުވެފަ އެވެ.
ހާމިދު ޖަލަށްލުމަށް ހުކުމްކޮށްފައިވާތީ އޭނާގެ ޝަރީއަތްތައް އޮންނަ ދުވަސް ދުވަހު ކޯޓުން އޭނާ ހާޒިރުކުރުމަށް އަންގަނީ ޑީޕީއާރްއެސްއަށެވެ. ނަމަވެސް އޭނާ މަޖިލީހުގެ އިދާރާގައި ހުންނެވުމުން އޭނާ ޖަލަށް ނުގެންދެވޭތީ އޭނާ ހާޒިރުކޮށްެދެވެން ނެތް ކަމަށް ޑީޕީއާރްއެސްއިން ވަނީ ކޯޓަށް އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ