ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މުއްދަތު ޖެހުމާއި ކޯޓު އަމުރުތައް ހޯދުމުގައި ފުލުހުންނަށް ދަތިތަކެއް ކުރިމަތިވެ، ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ ކުށްވެރިން ދޫވާ މައްސަލަ ބޮޑުވެއްޖެ އެވެ. އެ މައްސަލަ ފުވައްމުލަކު އަތޮޅު ކައުންސިލުން މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް އަލީ ފަޒާދު ވިދާޅުވީ ފުވައްމުލަކު ކޯޓުގައި މިވަގުތު ހުންނެވި ގާޒީ ބަލިވެ ގިނަ ދުވަސް ދުވަހު ސަލާމުގައި ހުންނެވުމާ ގުޅިގެން، ކުށްވެރިންގެ ބަންދުގެ މުއްދަތު ނުޖެހިގެން ކުށްވެރިން ދޫވާ މައްސަލަ ބޮޑުވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބޭ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތުހުމަތުގައި ހައްޔަރުކުރާ މީހާ މަގުމަތިން ފެނުމުން އަޅުގަނޑުމެން ސުވާލުކުރުމުން ފުލުހުން އެބަ ބުނޭ ކޯޓުން މުއްދަތު ޖެހޭނެ ގޮތެއް ނެތުނީއޭ. ކޯޓުގައި ގާޒީއެއް ވަޑައިގެން ނޫޅުއްވައޭ،" އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކު ކޯޓުގައި ތިއްބަވާ ދެ ގާޒީންގެ ތެރެއިން އިސް ގާޒީ މިވަގުތު ހުންނެވީ ޗުއްޓީގަ އެވެ. އިސް ގާޒީ ޗުއްޓީގެ މުއްދަތު ހަމަވާން ގާތްގަނޑަކަށް ދޮޅު މަހެއްހާ ދުވަސް ކުރިއަށް އޮތުމުން މިހާރު ދިމާވާ މައްސަލަތަކަށް މިހާރު ހައްލެއް ހޯދަން ޖެހޭ ކަމަށް ކައުންސިލުން ބުންޏެވެ.
ފަޒާދު ވިދާޅުވި ގޮތުގައި ބިދޭސީންނާ އެކު 13،000 މީހުން އުޅޭ ފުވައްމުލަކުގައި ކުށްވެރިން ދޫވާ މައްސަލަ އަކީ ސީރިއަސް މައްސަލައެކެވެ.
ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވި ގޮތުގައި ޖޭއެސްސީގެ ރައީސާ އެކު މަޝްވަރާ ކުރައްވާފައި ވަނީ އެންމެ ގާޒީއަކު ހުންނެވުމުން ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުންނެވެ. ނަމަވެސް އެ ބައްދަލުވުމުގެ ތަފްސީލު އޭނާ ނުދެއްވި އެވެ.
"ހަވީރަ"ށް އެނގިފައިވާ ފުވައްމުލަކު ކޯޓުގައި މިވަގުތު ހުންނެވި ގާޒީ "ކުށްވެރިން ދޫކުރާ" މައްސަލަ ވެސް ޖޭއެސްސީއާ ވަނީ ހިއްސާކޮށްފަ އެވެ.
ފުވައްމުލަކު ކޯޓުން އަމުރު ހޯދުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވިދާޅުވި އެވެ. އެއީ ކޮންކަހަލަ ގޮންޖެހުންތަކެއް ފުލުހުން ހާމަ ނުކުރެ އެވެ.
ނަމަވެސް "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހެކި ހުށަހެޅުމުން ވެސް ކުށްވެރިން "ދޫކުރާ" މައްސަ ބޮޑެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ދޮންބަ އަކާއި މަންމައެއްގެ މައްސަލަ ހިމެނެ އެވެ. ފުލުހުން ތަހުގީގު ކުރަމުންދާ އެ މައްސަލާގައި ދޮންބައްޕަ ކުޑަކުއްޖާއާ ބަދުއަހުލާގީ އަމަލު ހިންގަމުން ދިޔައީ އެ ކުއްޖާގެ މަންމަ އަށް އެނގިގެން ކަމަށް އޭނާ ވަނީ ތަހުގީގުގައި އިއުތިރާފްވެފަ އެވެ. މަންމަ އިއުތިރާފްވެފައިވީ ނަމަވެސް ތަހުގީގަށް އެ މަންމަ ފުލުހުންގެ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
"ހަވީރަ"ށް އެނގިފައިވާ ގޮތުގައި މަންމަ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި މާދަމާ އިސްތިއުނާފްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި މައްސަލައިގެ އިތުރުން ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދުމުން އޭނާ ގޭ ބަންދަށް "ދޫކޮށްލި" މައްސަލައެއް ވެސް ހިމެނެ އެވެ.
ފުވައްމުލަކު ކޯޓުން ފޯނު ނުނަގާތީ އެ މައްސަލާގައި އެ ކޯޓުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ފުވައްމުލަކުގައި ކުށްކުރުން މަދުކުރުމަށް ފުލުހުން މިހާރު އަންނަނީ ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އެ އޮޕަރޭޝަނުގައި ފުލުހުން އެންމެ ބޮޑަށް އިސްކަންދެނީ މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުން ފަދަ މައްސަލަތައް ހުއްޓުވުމަށެވެ.
ފުވައްމުލަކު ކޯޓުން ކުށްވެރިން "ދޫކުރާ" މައްސަލަ ބޮޑުވެ ޖޭއެސްސީގެ ސަމާލުކަމަށް އެކަން ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ