ކޯވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ގާނޫނުގައި ބުނާ މުއްދަތުގައި ނުބޭއްވި ކައުންސިލަރުންގެ ދައުރު ހަމަވާތީ އަމަލު ކުރާނެ ގޮތަކާއި މެދު އިސްތިޝާރީ ލަފައެއް ހޯދުމަށް ސުޕްރީމްކޯޓަށް ދާން ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
މި ގަރާރު ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ގަފޫރު މޫސާ އެވެ. އޭނާ ވަނީ ކައުންސިލްތަކުގެ ދައުރު ހަމަވާތީ ގާނޫނު އަސާސީ އިސްލާހު ކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ތާއީދުކޮށް އެގޮތަށް ވޯޓު ދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ވޯޓު ދެއްވާފައި އެވެ.
ގަފޫރު މިއަދުގެ ޖަލްސާގައި ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި މެދު އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އެބަ ހުރި ކަމަށެވެ. އެހެންވެ މިހާލަތުގައި ގައުމު ބައިބައިވުމަކަަށް ނުގޮސް، ކަންކަން އެންމެ ރިވެތި ގޮތުގައި ހައްލުކުރެވޭނެ ގޮތެއް ހޯދުމަކީ މަޖިލީހުގެ ޒިންމާއެއް ކަމަށް ގަފޫރު ވިދާޅުވި އެވެ.
ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރުންގެ ތެރެއިން ތާއީދު ކުރައްވަނީ42 މެންބަރުންނެވެ. ދެކޮޅަށް ނުވަ މެންބަރަކު ވޯޓު ދެއްވި އިރު ހަތަރު މެންބަރުން ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.
ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ވޯޓް ބޭނުންވާނެ އެވެ.
ކައުންސިލް އިންތިހާބު ނުބޭއްވި ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދާތީ އެކަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ހައްލު ހޯދައިދެވޭނީ މަޖިލީހަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ކޯޓުން އެ މައްސަލަ ނަގައި އީސީން ވަނީ މަޖިލީހަށް ހުށަހަޅާފައި އެވެ.
މިކަމުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ކުރިޔަށް ގެންދެވޭގޮތް ނުވެ ވަގުތު ކުޑަތަން ވަމުން އަންނާތީ މިއަދުގެ ޖަލްސާގައި ސުޕްރީމްގެ ކޯޓުގެ ނަން ނުގެންނަވައި، އެންމެ ފަހުން ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ފާސްކުރައްވައިފި ނަމަ ގާނޫނީ ލަފައެއް ހޯދިދާނެ ކަމަށެވެ. މި މައްސަލައިގަ ނަޝީދު މިހާތަނަށް ވާހަކަފުޅުދައްކަވާފައިވާ ގޮތަށް ބަލާއިރު އެމަނިކުފާނުވެސް ގާނޫނު އަސާސީ އިސްލާހު ކުރުމާއި ދެކޮޅެވެ.
މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ހަމަވާނެ އެވެ.
ކައުންސިލަރުންގެ ދައުރުގެ މައްސަލައިގަ އެންމެ ފަހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ