މިކުރަނީ ގައުމީ ރޫހުގައި ފަށާފައިވާ ގައުމީ މަސައްކަތްތަކެއް ހާސިލްކުރުމުގެ މަސައްކަތް: މައުމޫން

މިއަދު މިއީ ޒާތީކޮށް މަސައްކަތް ކުރަންޖެހޭ ދުވަހެއް ނޫން ކަމަށާއި މިއަދު މަސައްކަތް ކުރަންވީ ގައުމީ ރޫހުގައި ފަށާފައިވާ މަސައްކަތްތައް ހާސިލްކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމަނިކުފާނު މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ބައެއް ބޭފުޅުން އައްސަވާަ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ "މިއަދު މިއީ ނަޝީދާއި މައުމޫންގެ ދުވަސް ނޫން" ކަމަށާއި އެހެންކަމުން މިއަދު މަސައްކަތް ކުރަންވީ ޒާތީ ރޫހުގެ ބަދަލުގައި ގައުމީ ރޫހުގައި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު މިއަދު ކުރައްވާ މަސައްކަތްތަކަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހި ގައުމަށް ހެޔޮ އެދިގެން ކުރައްވާ ގައުމީ މަސައްކަތްތަކެއް ކަމަށެވެ. ދިވެހި ގައުމު އެދެނީ އެމަނިކުފާނާ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރެއްވުމަށް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ނަޝީދާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ގައުމުން ބޭރުގައި ހުންނަވައިގެން އެމަނިކުފާނު އިސްލާހީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބަލައިގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެމަނިކުފާނުގެ ތަސައްވުރާ ސިޔާސަތާ އެއްގޮތަށް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަންވެސް މައުމޫން ވަނީ ފާހަގަކުރައްވާފަ އެވެ.
މިޖަލްސާގައި ރައީސް މައުމޫން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމަކީ އަބަދުވެސް އިސްލާހީ މަސައްކަތްތަކުގައި ވަރަށް ކެރިވަޑައިގެން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ގާސިމް އިބްރާހީމް އެތައް ފަހަރަކު ޖަލަށްލައި ފުލުސް އޮފީހަށް ހާޒިރުކޮށްފައިވީ ނަމަވެސް އެމަނިކުފާނުގެ ހިތްވަރަށް އެއްްވެސް ބަދަލެއް އައިސްފައި ނުވާ ކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ގާސިމް ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވާނީ ވަރަށް މޮޅަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމް ހާއްސަ މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ދިވެހިންނަށް މިއަދު ހޯދައިދީފައިވާ ކަމަށެވެ. އަދި އެއީ ގާސިމް މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރަންޖެހޭ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲއާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ޝައިހް އިމްރާނަކީ ގައުމަށް ވަރަށް ތެދުވެރި ބޭފުޅެއް ކަމަށެވެ. މިއަދު ޖަލުގައި އިމްރާން ހުންނެވި ނަމަވެސް އެމަނިކުފާނުގެ ހިތްވަރަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމަކީ ޝައިހް އިމްރާންގެ މަސައްކަތް ފާހަަގަކުރަންޖެހޭ ސަބަބެއް ކަަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އަޅުގަނޑުމެންނަކީ އިސްލާމް ދީނަށް ލޯބިކުރުމާއެކު ދީނުގެ އުސޫލުތަކާއި ހަމަތަކަށް ބޯލަބާ ރައްކާތެރިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި އަދި ދީނުގައިވާ ގޮތަށް ކަންކަން ކުރަން މަސައްކަތް ކުރާ ބަޔަކަށް ވެސް ވާންޖެހޭނެ ކަމަށެވެ. އަދި އަޅުގަނޑުމެންނަކީ ދީނީ އެކަކު އަނެކަކަށް އިހްތިރާމުކޮށް އެހީތެރިވާ އެއްބައެއްވަންތައް ބަޔަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. ގުޅިފައިވާ ޕާޓީ ތަކުން ވެސް މަސައްކަތް ކުރަންޖެހޭނީ ޕާޓީ ތަކުގެ މެދުގައި މައްސަލަ ނުޖެހޭ ގޮތަށް ކަންކަމުގައި މަޝްވަރާކޮށްގެން ގައުމީ ރޫހުގައި ކަމަށްވެސް ވިދާޅުވި އެވެ. އެގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެނަމަ ﷲ ނަސްރު ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ދައުލަތުގެ މުހިއްމު ބައެއް މުއައްސަސާތަކުގެ އިތުބާރު ގެއްލި މިއަދު އަޅުގަނޑުމެން ތިބެން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް ކަމަށް ނުވާތީ އެބިރުވެރިކަން ނައްތާލަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އަދި އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމާއެކު ގާނޫނު އަސާސީއާ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބޯލަބަން ޖެހޭ ކަމަށާއި ނަމަވެސް އެގޮތަށް ކަންކަން ހިނގަމުން ނުދާ ކަމަށްވެސް ވިދާޅުވި އެވެ.
އިންސާފު ގާއިމުކޮށްދޭން އޮތް ތަނަކީ ޝަރުއީ ދާއިރާ ކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޚުވީ ޝަރުއީ ދާއިރާ އަކީ އިތުބާރު ކުރަންޖެހޭ އަދި އިތުބާރު ލިބޭ ދާއިރާއަކަށް ވާންޖެހޭ ކަމަށެވެ. ޝަރުއީ ދާއިރާގެ ތެރެއިން ކަންކަން ކުރަންވާނީ އެންމެންނާ ދޭތެރޭގައި ވެސް އިންސާފުވެރިކޮށް ހަމަމަކޮށް ކަމަށާއި އުސޫލުތައް ދެމެހެއްޓުމަށްޓަކައި އުސޫލުތަކުގެ ތެރެއިން ކަންަކަން ކުރަންވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އިސްލާމްދީން ވެސް ބާރުއަޅަނީ އަދުލުވެރިވުމަށާއި އަނިޔާވެރިނުވުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މަގާމުން ވަކިކުރުމަށް 45 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް މިއަދު ހުށަހެޅި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ މިއަދު އަދި މިފެށުނީ ކަމަށާއި އެއީ ހުޅުވުނު ދޮރެއް އަދި ދަތުރުކުރުމަށް ހުޅުވުނު ފުޅާ މަގެއް ކަމަށެވެ. އެމަގުން ކުރިއަށް ގޮސް މަގުސަދު ހާސިލްކުރުމަށް މަސައްކަތް ކުރަންޖެހޭ ކަން ފާހަގަކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ ކުރިއަށް ހިނގަން ހުރި ކަންކަންވެސް ކުރަންވާނީ އެކުވެރިކަމާ ހަރުދަނާކަމާ އެކު ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި 45 މެންބަރުން ސޮއި ކުރައްވާފައިވާތީ ރައީސް މައުމޫން މިރޭ ވަނީ އެ އަދަދު މައްޗަށް ޖައްސަމުން ގޮސް މަގުސަދު ހާސިލްވަންދެން މަސައްކަތް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ. ނަމަވެސް އެމަގުސަދަކީ ކޮބައިކަމެއް ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ނުކުރައްވާ މެންބަރުންނަށް ރައީސް މައުމޫންގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ "މިކޮޅަށް ވަޑައިގަތުމަށް"ވެސް އިލްތިމާސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ