ޒަކާތުގެ ފައިސާ އިން ވެސް ވައްކަން؟ ޒަކާތުގެ ފައިސާ ބެހުމުގައި ބޮޑެތި އޮޅުވާލުންތައް!

މި އަހަރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ޒަކާތް ހައްގުވާ ފަރާތްތަކަށް ބެހުމުގައި އިސްލާމިކް މިނިސްޓްރީން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަން ފަޅާއަރައިފި އެވެ.މާލޭގައި ކޮވިޑް-19 ފެތުރެން ފެށުމުން، ލޮކްޑައުން ކޮށްފައި އޮތުމުން މި އަހަރު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ދޫކުރާނީ އެކައުންޓަށް ޖަމާކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުންޏެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީން އެހެން ބުނި ނަމަވެސް، ޒަކާތުގެ ފައިސާ އެއްވެސް މީހެއްގެ އެކައުންޓަށް ޖަމާކޮށްދީފައި ނުވާ ކަމަށް ވެއެވެ.އޭގެ ބަދަލުގައި ރޯދަ މަހުގެ އެންމެ ފަހު ދުވަހު 70-80 ވަރަކަށް މީހުން އިސްލާމިކް މިނިސްޓްރީ އަށް ގެންގޮސް، މިނިސްޓްރީގެ ތިޖޫރީގައި ހުރި، ގާތްގަނޑަކަށް 100،000ރ. އެ މީހުންގެ މެދުގައި ބަހާލީ އެވެ. އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވަނީ މި އަހަރުގެ ޒަކާތް ބަހާނީ ކުރީ އަހަރު ޒަކާތް ހައްގުވާ މީހުންގެ ލިސްޓަށް ކަމަށެވެ.އެ ލިސްޓަކީ 16 ޕޭޖުގެ ބޮޑު ލިސްޓަކަށް ވާއިރު، އޭގެ ތެރެއިން ޒަކާތް ބެހުމަށް މިނިސްޓްރީ އަށް ގެންދިޔައީ ކިހިނެއް ހޮވާލެވުނު ބައެއް ކަމެއް ސާފެއް ނުވެ އެވެ. ދިޔަރެސް އަށް މައުލޫމާތު ދިން އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނާގޮތުގައި ޒަކާތް ބެހުމަށް އިސްލާމިކް މިނިސްޓްރީ އަށް ގެންދިޔައީ ކިހިނެއް ހޮވާލެވުނު ބައެއްކަން އެ މީހުންނަށް ވެސް ސާފެއް ނޫނެވެ.މި އަހަރު ޒަކާތުގެ ގޮތުގައި ހަ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައި ވެއެވެ. އެހެން އަހަރުތަކާއި އެއްގޮތަށް އެ ފައިސާ ބަހައްޓާފައި ހުރީ އެމްއެމްއޭގަ އެވެ.އިސްލާމިކް މިނިސްޓްރީން އެހެން އަހަރު ތަކުގައި އަމަލު ކުރަމުން އަންނަނީ އެމްއެމްއޭގައި ހުންނަ ފައިސާ ރޯދަ މަހުގެ ފަހު ދުވަހު، ނަގުދު ފައިސާގެ ގޮތުގައި މިނިސްޓްރީ އަށް ގެނެސް ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ބަހަނީ އެވެ. އީދު ނަމާދުގެ ކުރިން ޒަކާތުގެ ހައްގުވެރިންނަށް އެ ފައިސާ ދޫކުރަން ޖެހޭއިރު އެހެން އަހަރުތަކުގައި، އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ރޯދަ މަހުގެ ފަހު ދުވަހުގެ ދަންވަރު ހޭލާ ތިބެގެން ވެސް ފައިސާ ދޫކުރެ އެވެ.އޭގެ އިތުރުން މި އަހަރު ޒަކާތުގެ ގޮތުގައި ހަ މިލިޔަނަށް ވުރެ ބޮޑު އެއްޗެއް ލިބިފައިވަނިކޮށް، މިނިސްޓްރީގެ ތިޖޫރީގައި ހުރި ލައްކައެއްހާ ރުފިޔާ ބަހާފައިވާއިރު އެއީ ޒަކާތުގެ ގޮތުގައި ލިބުނު އަދަދުގެ ގާތްގަނޑަކަށް 1.7 ޕަސެންޓް ކަމަށް ވާއިރު، އެހާ ކުޑަ މިންވަރަކަށް އަދި މަދު ބަޔަކަށް ފައިސާ ދޫކުރީ ކީއްވެގެން ކަމެއް އިސްލާމިކް މިނިސްޓްރީން މިހާތަނަށް އާންމު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.ދިޔަރެސް އަށް މައުލޫމާތު ދިން އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނީ، އެ މިނިސްޓްރީގެ ތެރޭގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް ބަހާނީ ކިހިނެއް ކަން މިނިސްޓްރީން ހާމަ ކުރުމަށް ފަހު، އެގޮތަށް އަމަލު ނުކޮށް ސުވާލު އުފެދޭ އެތައް ކަމެއް ހިމެނޭ ގޮތަށް އެ ފައިސާ ވަކި ބަޔަކަށް ދޫކުރުން މިއީ ފާޅުކަން ބޮޑުކޮށް، ކޮރަޕްޝަން ހިންގުމަށް މަގުފަހިވާ ގޮތަށް ކުރި ކަމެއް ކަން އެ މީހުން ފާހަގަ ކުރެ އެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ