ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދުއާއި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
ފުލުހުން މެމްބަރު އަބްދުﷲ އަހްމަދު ހައްޔަރުކުރީ، 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންޒީފު ކުރުމަށް ގޮވާލައި މިހާރު ކުރިއަށްދާ މުޒާހަރާގެ ތެރެއިން، މަޖީދީ މަގު އޯޑިއޯން ކައިރީގައި ހުންނަވައި މީޑިއާއަށް އިންޓަރވިއެއް ދެއްވަން ހުންނަ ވަނިކޮށެވެ. ފުލުހުން އަބްދުﷲ އަހްމަދު ހައްޔަރު ކޮށްގެން ގެންދިޔަ މަންޒަރުތައް ޓީވީތަކުން ވަގުތުން ފެނުނެވެ.
އެ ސަރަހައްދުގައި ހުރި ވީމީޑިއާގެ ޖާނަލިސްޓް ބުނެފައިވަނީ، ފުލުހުން މެމްބަރު އަބްދުﷲ އަހްމަދު ގެންދިއީ ކޮން ދިމާއަކަށް ކަމެއް ނޭނގޭ ކަމަށެވެ. ވެހިކަލަކަށް އެރުވި މަންޒަރުވެސް ނުފެންނަ ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތުވެސް ފުލުހުން ހައްޔަރު ކޮށްފައިވަނީ ކުނޫޒު ސަރަހައްދުން ކަމަށް ޚަބަރު ލިބެއެވެ.
މީގެ އިތުރުން، ފުލުހުންވަނީ އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރ ތޫބާ ރަޝީދުވެސް ހައްޔަރު ކޮށްފައެވެ.
މިކަމާ ގުޅިގެން އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެންކަމުން، ތޫބާ ރަޝީދު ވަގުތުން މިނިވަން ކުރުމަށްވެސް ގޮވާލާފައި ވެއެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރުވެސް ފުލުހުންވަނީ، މެމްބަރު އަމީތުއާއި، މެމްބަރު އަބްދުﷲ ހައްޔަރު ކޮށްފައެވެ.
ފުލުހުން އެދެބޭފުޅުން ހައްޔަރުކުރީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންޒީފު ކުރުމަށް ގޮވާލައި ހުކުރު ދުވަހުގެ ހަވީރު މާލޭގައި ހުންނަ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި އިހުތިޖާޖު ހަވީރަށް ނިންމާލިތަނުންނެވެ.
މެމްބަރު އަމީތުއާއި އަބްދުﷲ އަހްމަދު އަނެއްކާވެސް ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ