މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހު މޮންގޯލިއަން ނެޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަންގެ 10 ވަނަ އަހަރީ ބައްދަލުވުން އިފްތިތާހުކޮށްދެއްވައިފި އެވެ.
މިބައްދަލުވުމުގެ ތެރެއިން ވަނީ މޮންގޯލިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ގައުމީ މައުރަޒު، "ބަރިލްގާ އެކްސްޕޯ 2019" ވެސް އިފްތިތާހުކޮށްފަ އެވެ.
މޮންގޯލިއާގައި ކުރިއަށް ގެންދިޔަ މިހަފްލާގައި މޮންގޯލިއާގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އާބަން ޑިވެލޮޕްމަންޓް އަދި މޮންގޯލިއަން ނެޝަނަލް ކޮންސްޓަރަކްޝަން އެސޯސިއޭޝަންގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.
މިބައްދަލުވުމުގައި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ ރައީސްގެ ހައިސިއްޔަތުން ޖަނާހު ވާހަކަފުޅު ވެސް ދެއްކެވި އެވެ. އެގޮތުން ޖަނާހުގެ ވާހަކަފުޅުގައި އަންނަ އަހަރު ރާއްޖޭގައި ބާއްވާ އިފޮޕްކާގެ 45 ވަނަ ބައްދަލުވުމުގައި ބައިވެރިވާން މޮންގޯލިއާގެ ނެޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަނަށް ދައުވަތު ދެއްވި އެވެ.
މިބައްދަލުވުމުގައި ޖަނާހު ވަނީ ކޮންސްޓަރަކްޝަން ދާއިރާގައި މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ.
ޖަނާހުގެ މިދަތުރުފުޅުގައި މޮންގޯލިއާގެ ގައުމީ ޓީވީ އާއި ބްލޫމްބާގް ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި ޖަނާހު ވަނީ އޭޝިއާ ފެސިފިކް ކޮންސްޓްރަކްޝަން އެސޯސިއޭޝަނާއި މި ސަރައްހަދުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ތަޖުރިބާ ބަދަލުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ.
ޖަނާހު މޮންގޯލިއާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ހޮންކޮންއަށް ވަޑައިގެން، އެގައުމުގެ ކޮންސްޓަރކްޝަން ދާއިރާގެ ވެރިންނާ ބައްދަލުކުރައްވާ އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިފޮޕްކާގެ 45 ވަނަ ބައިނަލްއަގްވާމީ ކޮންވެންޝަނާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
މޮންގޯލިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ގައުމީ ޖަމިއްޔާގެ އަހަރީ ބައްދަލުވުން ޖަނާހު އިފްތިތާހުކޮށްދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ