ހީނަރުވެފައިވާ ދިވެހިރާއްޖެއާ އިންޑިއާގެ ގުޅުން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކުރިއެކޭ އެއްގޮތަށް ބަދަހިކުރައްވާނެ ކަމުގެ ޔަޤީންކަން އިންޑިއާ ސަރުކާރަށް ދެއްވާފައިވާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އާއި އިންޑިއާގެ ހައި ކޮމިޝަނަރު ރަޖީވް ޝަހާރޭއާއެކު މިއަދު ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ބޭއްވި ބައްދަލުވުމަށްފަހު ހައިކޮމިޝަނުގެ ބޭރުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ ރާއްޖެއާ އިންޑިއާގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުންނާއި، މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މިނިވަން ސުލްހަވެރި އިންތިހާބަކަށް ހެދުމާއި ގުޅޭގޮތުން ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ހުރި އިންޑިއާގެ މަސްލަހަތާއި ގުޅިފައި ހުރި މުހިއްމު މައްސަލަތަކުގައި މިއަދު މަޝްވަރާ ނުކުރައްވާ ކަމަށެވެ. އެގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމާއި ހަވާލުވެ ތިބި އިންޑިއާގެ ޖީއެމްއާރު ގުރޫޕް އެތަނުން ބޭރުކުރުމުން ދެ ޤައުމުގައި ގުޅުމަށް ހިނާރުކަމެއް ކުރިމަތިވެފައިވީނަމަވެސް އެއާޕޯޓުގެ މައްސަލައިގައި ވަކި ހާއްސަ މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.
މައިގަނޑު ގޮތެއްގައި މިއަދު މަޝްވަރާ ކުރެއްވީ ދިވެހިންނަށް އިންޑިއާއަށް ދިއުމާއި، ދިވެހިންނަށް އިންޑިއާއިން ބައެއް ތަކެތި ލިބުމުގައި ހުރި މައްސަލަތަކަށް ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސާ ލިބުމުގައި މެޑިކަލް ވިސާއާ، ހިލަވެލި، ބޮޑުހިލަ އަދި ކޮންކްރީޓް ހިލަ ލިބުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ ދެންނެވިން. ކުރީގައި އޮންނަ އުސޫލަށް އެކަން ހަމަޖައްސައިދިނުމަށް އެދުނިން. ކުރިންވެސް މިވާހަކަ އަޅުގަނޑުމެން ދެންނެވިން. ޔަޤީންކަން ދެއްވި އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް. އަދި މާލަސްނުކޮށް އެކަމަށް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހިލަވެލި އަދި ބޮޑުހިލަ އިންޑިއާއިން 2009 ވަނަ އަހަރުގެ ކުރީކޮޅު ބޭރު ކުރުން މަނާކުރީ ތިމާވެށީގެ މައްސަލަތަކެއްގެ ސަބަބުން ކަމަށް އެޤައުމުން ބުނާ ކަމަށާއި، ނަމަވެސް ކުރިން އެތަކެތި ރާއްޖެއަށް ލިބެމުންދިޔަ ގޮތަށް ކޯޓާއެއްގެ ތެރެއިން ހަމަޖައްސައިދިނުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އިންޑިއާގެ ހާރިޖީ ވުޒާރާގެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ކުރިން ލިބޭ ގޮތަށް ވިސާ ނުލިބުމުންނާއި، ހިލަވެލި، ބޮޑުހިލަވެސް ލިބެމުންނުދާތީ އެކަން އަވަހަށް ހަމަޖައްސައިދިނުމަކީ އިންޑިއާއިން ރާއްޖެއަށް ދެވޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ދެންނެވިފައިވާނެ ކަމަށެވެ. އަދި އެކަން ހަމަޖެހުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ ރާއްޖޭގެ އިޤްތިސޯދަށާއި ތަރައްޤީއަށް ބޮޑެތި ހުރަސް ތަކެއް އެޅިފައިވާ ކަމަށް އިންޑިއާގެ ފޮރިން ސެކެޓްރީއަށް ދެންނެވިފައިވާ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީއާއެކު ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ބައިވެރިވީ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމާއި، ރަނިންމޭޓް ޑރ. ޙަސަން ސައީދުއާ، އަދާލަތު ޕާޓީއަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު އައްޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދުއާ، ޖުމްހޫރީ ޕާޓިއަށް ނިސްބަތްވާ އެޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމްއާ އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. އިބްރާހިމް ދީދީއެވެ.
އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ރާއްޖެއަށް މިކުރައްވާ ދަތުރުފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވީނިއުސްއަށް ވަނީ ލިބިފަ އެވެ.
ދިވެހި އިންޑިއާގެ ގުޅުން ވަރުގަދަ ކުރާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ