ހުޅުމާލޭ ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސްޕްރީމު ކޯޓުން އަންގައިފި

ހައިކޯޓުން ނެރެފައިވާ ވަގުތީ އަމުރާއި ގުޅިގެން ހުޅުމާލޭ ކޯޓުގެ މަސައްކަތްތައް ހުއްޓާލާފައިވާތީ އެމަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސްޕްރީމު ކޯޓުން އަންގައިފިއެވެ.
ސްޕްރީމު ކޯޓުން ސީއެންއެމަށް މައުލޫމާތުދިން ގޮތުގައި ހުޅުމާލޭ ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސްޕްރީމު ކޯޓުން އަންގާފައިވަނީ އިއްޔެއެވެ.
ހުޅުމާލޭ ކޯޓުގެ ހައިސިއްޔަތާއި މެދު ސުވާލު އުފައްދާފައިވާ މައްސަލަ ސްޕްރީމު ކޯޓުން މިހާރުވަނީ ބަލަން ފަށާފައެވެ. އެގޮތުން ސިވިލް ކޯޓުގައި ގާނޫނީ ވަކީލުންތަކެއް ކުރައްވާފައިވާ ދައުވާގެ ހުރިހާ ލިޔެ ކިއުންތަކެއް ވެސް ސްޕްރީމު ކޯޓުންވަނީ ގެންގޮސްފައެވެ. ހުޅުމާލޭ ކޯޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފައްދާ ގާނޫނީ ވަކީލުންތަކެއް ދަށޫ ކޯޓުގައި ކުރި ދައުވާ ސްޕްރީމު ކޯޓުންވަނީ މީގެ ކުރިން ހުއްޓުވާލާފައެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭ ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސްޕްރީމު ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރު ކުރި މައްސަލާގައި އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެއެވެ. އެއީ އެމައްސަލަ މަޑު ޖައްސާލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ