ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން މަދުކުރުމުގެ އިސްލާހުގެ ބިލެއް އެމްޑީޕީން ހުށަހަޅައިފި
ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ އިސްލާހެއް، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުން މިއަދު ހުށަހަޅައިފި އެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުގައިވާ ގޮތުން، ސުޕްރީމް ކޯޓު އެކުލެވިގެންވަނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. އެއީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ހަތަރު ފަނޑިޔާރެއްގެ މައްޗަށެވެ. މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރާއެކު އިތުރު ހަ ފަޑިޔާރުންނެވެ. މީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ދަށްކުރަން އިސްލާހުގައިވާ ގޮތުން އެ ކޯޓުގައި ތިއްބަވާނީ ހަތް ފަނޑިޔާރެކެވެ. އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރާއެކު އިތުރު ހަ ފަނޑިޔާރުންނެވެ. މިހާރު ހައި ކޯޓުގައި ތިއްބަވަނީ ނުވަ ފަނޑިޔާރުންނެވެ. އެއީ އިސް ފަނޑިޔާރާއެކު އިތުރު އަށް ފަނޑިޔާރުންނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އެމްޑީޕީން ހުށަހަޅާފައިވާ އިސްލާހުގެ ބިލްގައި ބުނެފައި ވަނީ، އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކޮށް ނިންމަންވާނެ ކަމަށެވެ. އެއާއެކު ސުޕްރީމް ކޯޓަށް ވެސް ހަމަ އެ އުސޫލުން 30 ދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަންކޮށް ނިންމަންވާނެ ކަމަށް ބިލްގައިވެ އެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އެމްޑީޕީން އިސްލާހެއް މި ހުށަހެޅީ، ޝަރުއީ ދާއިރާއާ މެދު ސަރުކާރާއި އެމްޑީޕީން ހިތްހަމަ ނުޖެހި، ވަރަށް ބޮޑަށް މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ